Roadha Mihaaru
މިފްކޯގެ ސަބަބުން އެސްޓީއޯ އަށް ބޮޑު ގެއްލުމެއް

މިފްކޯގެ ސަބަބުން އެސްޓީއޯ އަށް 450 މިލިއަން ރުފިޔާގެ ގެއްލުންވި: އަމްރު

13 ޖުލައި 2019

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުގެ ސަބަބުން، މި އަހަރާ ހަމައަށް އެސްޓީއޯ އަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުގެ ސަބަބުން، މި އަހަރާ ހަމައަށް އެސްޓީއޯ އަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ގދ. ތިނަދޫގައި ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެ ކުންފުނީގެ ދަށަށް މިފްކޯ ބަދަލުކުރީ އެސްޓީއޯ އިން ބޭނުންވެގެން ނޫން ކަމަށެވެ. އެއީ މިފްކޯ ބަނގުރޫޓުވެގެން ހަދާނެ އިތުރު ގޮތެއް ނެތިގެން ކުރީގެ ސަރުކާރުން ގެނައި ބަދަލެއް ކަމަށް ވިދާޅުވި އެވެ.

މިފްކޯ ނުހިންގި ބަނގުރޫޓުވުމުން، އެ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެ އެތަން އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމީ ސެޕްޓެމްބަރު 26، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެސްޓީއޯގެ ދަށުން މަސްކުންފުނި ހިންގަމުން އަންނަތާ ތިން އަހަރު ވަނީ އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން މިފްކޯ އަށް ތެޔޮ ގެންގޮސް، މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކަމުންދާއިރު އެއިން އެއްވެސް ފައިސާއެއް އަނބުރާ އެސްޓީއޯ އަށް ނުލިބޭ ކަމަށެވެ. މި ވަގުތު އެކަނި ވެސް މަސްވެރިންނަށް ތެޔޮ ވިއްކައިގެން އެސްޓީއޯ އަށް 230 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

"[މިފްކޯ] އެސްޓީއޯގެ ދަށަށް އައުމާ ގުޅިގެން، އެސްޓީއޯ އަށް މި ވަގުތު ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ގެއްލުން މި އަހަރާ ހަމައަށް ވެފައިވަނީ،" އަމްރު ވިދާޅުވި އެވެ. "ހަގީގަތަކީ އެސްޓީއޯ އަށް އެކަން ކުރެވެން އޮތް އިރަކު ނޫން މިފްކޯ ގެނެސްލާފައި އޮތީ. އަނެއް ވާހަކައަކީ މިފްކޯގެ ބޯޓުފަހަރު މި ވަގުތު ގެންގޮސް ލެވޭނެ މަސް ދޯންޏެއްގެ އެތެރެއަށް. މަސްވެރިންގެ ބޯޓު 150 ފޫޓަށް ބޮޑުވެގެން ދިޔައިރު މިފްކޯގެ ބޯޓު އޮތީ ވަރަށް ކުޑަކުޑަކޮށް ކަމެއް ނުކުރެވި."

ފެލިވަރުގައި ބަންދުކުރެވެނީ ދުވާލަކު 50 ޓަނުގެ މަސް ކަމަށާއި އެކަމަކު އެކަން އިތުރުކުރުމަށް ވެސް މިއިން ޒަމާނަކު މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގެއްލުން ނުލިބި ހިނގާ ތަނަކަށް މިފްކޯ ބަދަލުކުރުން ކަން އަމްރު ފާހަގަކުރެއްވި އެވެ.

މަސްވެރިކަން ރަނގަޅަށް ދެމި އޮންނާނީ ވެސް މިފްކޯ ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށާއި މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބިގެން ނޫނީ މިހާރަށް ވުރެ ރަނގަޅަކަށް މަސްވެރިކަން ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.