Roadha Mihaaru
އެސްޓީއޯ އާއި މިފްކޯ: ގަދަކަމުން ކުރުވި ކައިވެންޏެއް

އެސްޓީއޯގެ ދަށަށް މިފްކޯ ގެންދިއުމަކީ ގަދަކަމުން ކައިވެނިކުރުވުން: އަމްރު

02 މާޗް 2020

އެސްޓީއޯ އާއި މިފްކޯގެ ގުޅުމަކީ "ގަދަކަމުން ކުރުވާފައި އޮތް ކައިވެންޏެއް" ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސިފަކުރައްވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އާއި މިފްކޯގެ ގުޅުމަކީ "ގަދަކަމުން ކުރުވާފައި އޮތް ކައިވެންޏެއް" ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސިފަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެސްޓީއޯ އާއި މިފްކޯއާ އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އަމްރު ވިދާޅުވީ އެއީ މިދިޔަ ސަރުކާރުން އެކަން ކުރީ އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. އެގޮތުން، ބަނގުރޫޓުވެފައި އޮތް ކުންފުންޏެއް އެސްޓީއޯ ފަދަ ކުންފުންޏަކާ ހަވާލުކުރުމުން ދަތިތަކާ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އަކީ ފައިދާ ހޯދާ ކުންފުންޏަކަށް ވާއިރު މިފްކޯ އެ ކުންފުންޏާ ހަވާލު ކުރުމުގެ ސަބަބުން ކޭޝްފްލޯ އަށް އެކަމުގެ އަސަރުކުރާ ކަމަށް އަމްރު ވިދާޅުވި އެވެ.

"2019 ގައި އެކަނިވެސް އެސްޓީއޯއިން 180 މިލިއަން ރުފިޔާގެ ތެޔޮ ވަނީ މިފްކޯ އަށް އިތުރުކޮށްފަ. ދޫކޮށްލާފައި ހުރި އިސްކުރެންހެން މިކަން މިވަނީ. އެއްވެސް ފައިސާ އަކީ އަނބުރާ ވަންނަ ފައިސާއެއް ނޫން،" އަމްރު ވިދާޅުވި އެވެ.

"މިފްކޯ ވަރަށް ބޮޑަށް ބަނގުރޫޓުވުމާ ގުޅިގެން އޭރުގެ ސަރުކާރުން. ޔާމިނު ކުރެއްވި ކަމެއް އެއީ. އެއްގޮތަކަށް ވެސް އެއީކީ ހިއްސާާދާރުންންގެ ވެސް ކުރިން އެސްޓީއޯގެ ތިބި މީހުންގެ ވެސް ހިޔާލާ އެއްގޮތަށް ކުރެއްވި ކަމެއް ނޫން."

ދައުލަތުގެ މަސް ކުންފުނި، މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ ސެޕްޓެމްބަރު 29، 2016 ގަ އެވެ. އެއީ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ވެސް ސަރުކާރުން ހަވާލުވާ ގޮތަށެވެ.

އަމްރު ވިދާޅުވީ މިފްކޯ ބަނގުރޫޓުވާން ފެށުމުން ރަނގަޅު ނިންމުމެއް ނިންމައި މިފްކޯ ކުރިއަރުވަން އޭރުގެ ސަރުކާރުން މަސައްކަތްކުރި ނަމަ މިއަދު އެ ކުންފުންނަކީ އަމިއްލަ އަށް ހިންގޭ ވަރުގެ ކުންފުންޏަކަށް ވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަށް ހަމަ އަގު ލިބި މަސްވެރިންގެ ހުރިހާ ޝަކުވާތަކަށް ހައްލު ލިބޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

މިފްކޯ އަކީ މަހުގެ އަގު އެއް މިންވަރެއްގައި ހިފަހައްޓަހައި މަސްވެރިން ބާނާ މަސް މާކެޓުގައި އޮތް އެންމެ ރަނގަޅު އަގުގައި ގަތުމަށް އުފެއްދި ކުންފުންޏެކެވެ. އެހެންކަމުން މިފްކޯ އުފެދުނީންސުރެ މިހާތަނަށް ވެސް ހިންގަމުން އަންނަނީ ގެއްލުމުގަ އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިގޮތުގައި އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދާ ދެކޮޅު ޖެހޭނީ މާރުކޭޓުގައި އޮތް މިންވަރަށް ބަލައި ޓަނަކަށް 1،926 ޑޮލަރު (29،698،92ރ.) ލިބިގެން ކަމަށެވެ. ނަމަވެސް މިހާރު ލިބެނީ 1،400 ޑޮލަރު (21،588ރ.) ކަމަށް އޭނާ ވިދާޅުވި އެވެ.