Roadha Mihaaru
ސިޔާސީ ކަމަކާ ހެދި މިކިތާރްޔަނަށް ފައިނަލް ގެއްލިއްޖެ

ސިޔާސީ ސަބަބަކާ ގުޅިގެން މިކިތާރްޔަނަށް ފައިނަލް ގެއްލިއްޖެ

21 މެއި 2019

ލަންޑަން (މެއި 21) - އަޒަރުބައިޖާނުގައި އޮންނަ ޔުރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި، ސިޔާސީ ސަބަބުތަކާ ހެދި އާރްމީނިއާގެ މިޑްފީލްޑަރު މިކިތާރްޔަން އަށް ނުކުޅެވޭނެ ކަމަށް އާސެނަލުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 21) - އަޒަރުބައިޖާނުގައި އޮންނަ ޔުރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި، ސިޔާސީ ސަބަބުތަކާ ހެދި އާރްމީނިއާގެ މިޑްފީލްޑަރު މިކިތާރްޔަން އަށް ނުކުޅެވޭނެ ކަމަށް އާސެނަލުން ބުނެފި އެވެ.

ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު އާރްމީނިއާ އާއި އަޒަރުބައިޖާން މިނިވަންވީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އެކަމަކު ނަގޯނޯ ކަރްބާގެ މިލްކުވެރިކަމާ މެދު ހިޔާލުތަފާތުވެ، އަޒަރުބައިޖާނާއި އާރްމީނިއާއާ ދެމެދު ވަނީ ސިޔާސީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އޭގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދިއުމަށް ވިސާ ހަމަޖައްސައި ނުދިނުން ފަދަ ކަންތައްތައް އާންމުކޮށް ހިނގަ އެވެ.

މީގެ ކުރިން އަޒަރުބައިޖާނުގައި ޔޫރޮޕާ ލީގުގެ ދެ މެޗެއް ކުޅެން މިކިތާރްޔަން އެ ގައުމަށް ދިއުން ބޮއިކޮޓްކުރީ ވެސް ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މައްސަލައެއް ކުރިމަތިވެދާނެތީ އެވެ. މި ފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް އާސެނަލް ދިއުމުން އެ ޓީމުން ވަނީ މިކިތާރްޔަން އަށް އެ މެޗުގައި ކުޅެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދޭން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ ކިބައިން އެދިފަ އެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ ފައިނަލް މެޗުގައި ކުޅެން މިކިތާރްޔަން ބޭނުން ނަމަވެސް ސަލާމަތާ ރައްކާތެރިކަމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ޔުއެފާ އަށް މިކިތާރްޔަން އަށް ހާއްސަ ރައްކާތެރިކަމެއް ނުދެވޭނެ ކަމަށް އަންގާފައިވާތީ އެ މެޗު ކުޅެން ނުދާން އޭނާ ނިންމާފައިވާ ކަމަށެވެ.

"މިއީ އޭނާ (މިކިތާރްޔަން) އަށް ވަރަށް އުނދަގޫ ނިންމުމެއް. އޭނާ ކުޅެން ވެސް ބޭނުން. އެކަމަކު ހާލަތު އޮތީ ރަނގަޅަށް ކަމަށް ނުވާތީ މިކިތާރްޔަން އަށް މި މެޗުގައި ނުކުޅޭނެ. ކްލަބުން ވެސް ކުޅުންތެރިއަކަށް ވަކި ހާލަތެއްގައި މެޗު ކުޅެން ޕްރެޝަރު ނުކުރާނަން،" އެމެރީ ބުންޏެވެ.

މިކިތާރްޔަން ބުނީ ޔޫރޮޕާ ލީގުގެ ފައިނަލް ފަދަ މުހިއްމު މެޗެއް މި ކަހަލަ ފުޓްބޯޅައިން ބޭރު ސަބަބަކާ ހެދި ގެއްލުމަކީ އެއްވެސް ކުޅުންތެރިޔަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ އޭނާ އަށް ލިބުނު ބޮޑު ދެރައެއް ކަމަށާއި އުއްމީދަކީ އާސެނަލުން މި މުބާރާތް ކާމިޔާބު ކުރުން ކަމަށް ބުންޏެވެ.

އާސެނަލުން 2006 ވަނަ އަހަރަށް ފަހު ކުޅޭ ޔޫރަޕްގެ ފުރަތަމަ ފައިނަލުގައި ބައްދަލުކުރާނީ ވާދަވެރި ޗެލްސީއާ އެވެ. އެ މެޗަށް ދެ ޓީމުގެ ސަޕޯޓަރުން ދިއުމަށް ހަމަޖައްސާފައިވާ އިންތިޒާމާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ދެ ޓީމުގެ ސަޕޯޓަރުންނަށް ޓިކެޓް ދޭން ޔުއެފާ އިން ނިންމާފައިވާ އަދަދު މަދުކަމަށް ބުނެ އިނގިރޭސި މީޑިއާ އިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް އާސެނަލަށް މުހިއްމުވާ އިތުރު ސަބަބެއް އެބައޮތެވެ. އެއީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން އެ ޓީމަށް އޮތް ހަމައެކަނި މަގަކީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމެވެ. މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އާސެނަލަށް ފުރުސަތު ނުލިބެ އެވެ. އާސެނަލްގެ ބޯޑުން ވަނީ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފިނަމަ އެ ޓީމުގެ ކުޅުންތެރިންނަށް 10 މިލިއަން ޕައުންޑްގެ ބަހަން ނިންމައިފަ އެވެ. އޭރުން ކޮންމެ ކުޅުންތެރިއަކަށް 100،000 ޕައުންޑާއި 500،000 ޕައުންޑާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.