Roadha Mihaaru
ބޮން ބޭއްވި މައްސަލާގައި އެކަކު ޖަލު ހުކުމަށް ތާއީދު

މުލީއާގެ ކައިރީގައި ބޮން ބޭއްވި އެކަކުގެ ހުކުމް ދަމަހައްޓައިފި

23 މެއި 2019

މުލީއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލައިގައި ޖަލަށްލި މީހުންގެ ތެރެއިން އެކަކުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުލީއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލައިގައި ޖަލަށްލި މީހުންގެ ތެރެއިން އެކަކުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް ނޮވެމްބަރު، 2015 ގައި މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ބޭއްވި މައްސަލައިގައި ތިން މީހަކު 17 އަހަރަށް އަދި އެކަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރި އެވެ.

އެއީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދާއި ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އޭގެ ތެރެއިން އުބައިދު 17 އަހަރަށް ޖަލަށްލާން ކުރި ހުކުމާއި މަމްދޫހް 20 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް، ހައި ކޯޓުން އެ ދެ މީހުން ކުރިން އޮތީ މިނިވަންކޮށްފަ އެވެ.

އޭގެ ތެރެއިން ތަލްއަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޭއްވުމުގައި އޭނާ ބައިވެރިވި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށާއި އެކަމުގައި ތަލްއަތު ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ އެ މައްސަލާގައި ހުށަހަޅާފައިވާ ކަމަށް ހުކުމުގައި ވެ އެވެ.

ތަލްއަތާއި އެ މައްސަލާގައި ހިމެނޭ އިތުރު މީހަކު ބައިވެރިވެގެން، އެ ވެހިކަލްގެ ބެޓެރި މަތީގައި އެއްޗެއް ބޭއްވި މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށާއި އެ ދުވަހު އޭނާ ލައިގެން ހުރި ތަކެތި އޭނާ ދިރިއުޅުނު ގެއިން ފެނުނު ކަމަށް ތަހުގީގުގައި ބައިވެރިވި ފުލުހަކު ހެކިބަސް ދީފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ވީޑިއޯ އެނަލިސިސް ހެދި ފުލުސް މީހާގެ ހެކިބަހުގައި، އެ ވީޑިއޯ އިން ފެންނަ މީހާ އާއި ތަލްއަތާ ގުޅުވޭނެ ހަ ސިފައެއް ވައްތަރުވާ ކަމަށް ބުނެ ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެތަނުގައި ބޭއްވި އައިއީޑީ އަކީ އަސްލު އެއްޗެއް ނޫނެވެ. އެއީ މަޖަލަށް އެތަނުގައި ބޭއްވި ފޭކް އެއްޗެއް ކަމަށް ތަލްއަތު ދަށު ކޯޓުގައި ބުނެފައި ވިޔަސް، އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ތައްޔާރުކުރި ރިޕޯޓުގައި، އެތަނުން ފެނުނީ އަސްލު އައިއީޑީއެއްގައި ފުރިހަމަވާ ހުރިހާ ބައިތަކެއް ފުރިހަމަވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައި ވެ އެވެ.

މީގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން ކޯޓުގައި ހެކިބަސް ދިން ސިފައިންގެ އެކްސްޕާޓުގެ ހެކިބަހުގައި ވެސް، އެއީ އަސްލު ގޮވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، އެ އައިއީޑީ އަކީ އަސްލު ގޮވާ އެއްޗެއް ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ތަލްއަތުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އެ ބަޔަށް ތާއީދު ކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.