Roadha Mihaaru
ރާއްޖެ ގެންނަން އުޅުނު ޑްރަގްތައް އިންޑިއާއިން ހޯދައިފި

ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މަސްތުވާއެއްޗެހިތަކެއް އިންޑިއާ އިން އަތުލައިގެންފި

25 މެއި 2019

ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މަސްތުވާ އެއްޗެހިތަކެއް އަތުލައިގެންފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މަސްތުވާ އެއްޗެހިތަކެއް އަތުލައިގެންފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

އެ ގައުމުގެ މީޑިއާގައިވާ ގޮތުން، އިންޑިއާގެ ޓްރިވެންޑްރަމްގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. ކާރެއްގައި ފޮރުވައިގެން އެ ތަކެތި ގެންދިޔައީ އަންދްރަޕްރަދޭޝުން ކަމަށާއި އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުން، އެ މަސްތުވާތަކެތި ގެންދިޔައީ ރާއްޖެ އާއި ބޭރުގެ އެހެން ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ އެޖެންޓަކާ ހަވާލު ކުރުމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ފަރާތުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށާއި އޭގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެ އެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މަސްތުވާ އެއްޗެހިތަކެއް އިންޑިއާ އިން ހިފެހެއްޓިއިރު، ދެ ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރި 200 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރެއިން 149 ކިލޯ މަސްތުވާތަކެތި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތްއިރު، އީރާނުގެ ބޯޓެއްގައި ފޮރުވައިގެން އެތެރެކުރި 50 ކިލޯގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.