Roadha Mihaaru
ފުރަންދަނިކޮށް ދަތުރު ކެންސަލް، މިހާރު އިންޑިއާ ބަންދު

ފުރަން ދަނިކޮށް ދަތުރު ކެންސަލް، މިހާރު އިންޑިއާ ބަންދު!

26 މާޗް 2020

ސްކޫލް ޗުއްޓީއާ ދިމާކޮށް އެތައް ބަޔަކު ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ފުރައިގެން ދިޔައިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން ކުއްލިއަކަށް މިހާ ބޮޑަށް މުޅި ދުނިޔެ އަށް ފެތުރިގެންފާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ފަރުވާއެއް ނެތް ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރިގަތުމާ އެކު ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ހުއްޓުމަކަށް ގެނައުމުން އެތައް ބަޔަކު އެކި ގައުމުތަކުގައި ބަންދުވީ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްކޫލް ޗުއްޓީއާ ދިމާކޮށް އެތައް ބަޔަކު ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ފުރައިގެން ދިޔައިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން ކުއްލިއަކަށް މިހާ ބޮޑަށް މުޅި ދުނިޔެ އަށް ފެތުރިގެންފާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ފަރުވާއެއް ނެތް ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރިގަތުމާ އެކު ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ހުއްޓުމަކަށް ގެނައުމުން އެތައް ބަޔަކު އެކި ގައުމުތަކުގައި ބަންދުވީ އެވެ.

"ދެ އަހަރުގެ ދަރިފުޅު މަންމަ ކައިރި ބަހައްޓާފައި ބޭސްފަރުވާ އަށް އައީ. މިހާރު މިވީ ގޮތުން ދެވޭނެ ދުވަހެއް. ދެން ވާނެ ގޮތެއް ވެސް ނޭނގިފަ މިތިބީ،" އަންހެނުންނާއެކު މިމަހު 9 ގައި އިންޑިއާ އަށް ބޭސްފަރުވާ އަށް ގޮސް ހުއްޓާ ރާއްޖެ ނާދެވި ތާށިވި މީހަކު ބުންޏެވެ.

ކޮޗިންގައި އެ ދެމަފިރިންގެ އިތުރުން 200 އަށް ވުރެ ގިނަ ދިވެހީން ތާށިވެފައި އެބަތިބި ކަމަށް އެ މީހުން ބުންޏެވެ. ކޮޗިންގެ އިތުރުން ޓްރިވެންޑްރަމްގައި ވެސް ބޭސްފަރުވާ އަށް ގޮސް ތިބި އެތައް ދިވެހިންނެއް ވަނީ ތާށިވެފަ އެވެ.

އިންޑިއާގެ ކެރަލާގައި ގިނަ އަދަދެއްގެ ދިވެހީން ތާށިވީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވަނިކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުއްލި ގޮތަކަށް ދަތުރު ކެންސަލް ކުރުމުންނެވެ. އޭރު އިންޑިއާ ސަރުކާރުން އޮތީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަފުތާއަކަށް އެގައުމަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ހުއްޓާލުމަށް ނިންމައިފަ އެވެ.

Maldivian ge flight cancel vumun Cochin gai Dhivehithakeh thaashivejje

Maldivian ge flight cancel vumun Cochin gai Dhivehithakeh thaashivejje

The most trusted news source in the Maldives

Mihaaru

ފްލައިޓް ކެންސަލް ވުމުން ދިވެހީންތަކެއް އިންޑިއާގައި ތާށިވުން---

އެ ދިވެހީންނަށް ރާއްޖެ ނާދެވި ކަންބޮޑުވެފައި ތިއްބާ އިއްޔެ އިން ފެށިގެން މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރީ އެވެ. އެއާއެކު ޒަރޫރީ ބޭނުންތަކަށް ވެސް ގެއިން ބޭރަށް ނުކުމެ އުޅެން ވަނީ ދަތިވެފަ އެވެ.

"މަދު ފިހާރައެއް ހުޅުވާފައި ހުންނަނީ. އެތަންތާ ވެސް ބޮޑު ކިޔޫއެއް އޮވޭ. އެއްޗެއް ގަންނަން ވެސް ބޭރުގަ އުޅެން އެހާ ދަތި. ބޭރުން ފެނިއްޖެއްޔާ ފުލުހުން ވަރަށް ސުވާލު ވެސް ކުރޭ. ވަރަށް ބިރުވެރި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ފިރިހެން މީހާ ބުންޏެވެ.

އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެރަލާގައި ކޮވިޑް-19 ބާރަށް ފެތުރެމުން ދާއިރު އެ މީހުން އެތަނުގައި ތިބެން ޖެހުމެވެ. ކެރެލާ އިން މިހާތަނަށް 105 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ދުވަހުން ދުވަހަށް އެ އަދަދު ދަނީ ބާރަށް އިތުރުވަމުންނެވެ.

ތާށިވެފައި ތިބި މީހުންގެ ތެރޭގައި ގުރޫޕް ހަދައިގެން ބޭސްފަރުވާ އަށް ގޮސް އުޅޭ މީހުން ހިމެނެ އެވެ. ފުރަން އޮތް ތާރީހަށް ނުފުރި މަޑުކުރަން ޖެހުމުން ހަރަދުތައް ކުރަން ބޭނުންވާ ވަރަށް ގިނަ މީހުންގެ އަތުގައި ފައިސާއެއް ނެތެވެ. އަދި ހާލަތުގެ ގޮތުން އެ ގައުމުން ގެސްޓް ހައުސް ހޯދަން ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

"ފުރަން ދާނީ އެޕާޓްމަންޓް ވެސް ދޫކޮށްލާފަތާ. ދެން ނުފުރިގެން ބެލިއިރު ތަނެއް ހޯދަން އެހާ އުނދަގޫވި. މިގައުމުން ބޭރުގެ މީހުންނަށް ގެސްޓް ހައުސްތަކުން ވެސް ފުރުސަތެއް ނުދޭ،" އިންޑިއާގައި ބަންދުވެ ކަންބޮޑުވެފައި ހުރި މީހަކު ކިޔައިދިނެވެ.

ބޭސްފަރުވާ އަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ ނާދެވި ތާށިވި މީހުންނަށް އާސަންދަ އާއި އެންސްޕާ އިން އެހީތެރިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ އެހީދޭން މިހާރުވަނީ ފަށާފަ އެވެ.

"ފުރަން ދިޔަ ފަހުން ނުފުރި މިހެން ހުންނަން ޖެހޭއިރު ބޮޑު ހަރަދެއް އެބަދޭ. މި އެޕާޓްމަންޓަށް ދުވާލަކު 2،000 ރުޕީސް ދައްކަން ޖެހޭ. މިތާ ކައްކާ ކެވޭގޮތަށް ހުންނަނީ،" އޭނާ ބުންޏެވެ.

އެ މީހުންގެ ކަންތަކުގައި ކެރަލާގައި ހުންނަ ދިވެހި ކޮންސިއުލާއަށާއި ފޮރިން މިނިސްޓްރީގެ އިތުރުން އާސަންދައަށް ގުޅައިގެންވެސް އެއްވެސް މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެންނަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށެވެ. އިންޑިއާގެ އިތުރުން އެކި ގައުމުތަކުގައި ތިބި ދިވެހިން ވެސް އަންނަނީ އެ މީހުންނަށް ރާއްޖެ އާދެވޭނެ ގޮތެއް ހަދައިދޭން އެދެމުންނެވެ. އެކަމަކު ދަތުރުތައް މެދުކަނޑާލުމާއި ބޭރަށް ނުކުމެ އުޅުން މަނާކުރުން ފަދަ އެތައް ކަމަކާ ހެދި މީހުން ގެނައުން ވަނީ ދަތިވެފަ އެވެ.

ސްރީ ލަންކާ އާއި ނޭޕާލާއި ޕާކިސްތާނާއި ފިލިޕިންސުގައި ވެސް ދިވެހިން ބަންދުވެ ނާދެވިފައި އެބަ ތިއްބެވެ.