Roadha Mihaaru
ހަމަލާ ދިން މީހުންގެ އަތުގައި 134 މިލިއަން ރުޕީސް

ލަންކާގައި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ އެކައުންޓްތަކުގައި 134 މިލިއަން ރުޕީސް

26 މެއި 2019

މިދިޔަ މަހު ސްރީ ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންގެ ބޭންކް އެކައުންޓްތަކުގައި 134 މިލިއަން ރުޕީސް (761،274 ޑޮލަރު، 11,769,297 ރުފިޔާ) އެބަހުރި ކަމަށާއި އެ ފައިސާތައް މިހާރު ހުރީ ފްރީޒްކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ބުނީ މި ފައިސާ ހުރީ 41 އެކައުންޓެއްގައި ކަމަށެވެ. އެކައުންޓްތަކުގައި ހުރި ފައިސާގެ އިތުރުން، ހަމަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް އެ މީހުން އުޅުނު ތަންތަން ބަލައި ފާސްކުރި އިރު 14 މިލިއަން ރުޕީސް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވިޔަފާރިވެރި އާއިލާއެއްގެ ބަޔަކު މި ހަމަލާތަކުގައި ވަނީ ބައިވެރިވެފަ އެވެ. ފުލުހުން ބުނީ ޝައްކު ކުރެވޭ މީހުންގެ މުދަލުގެ އަގު ވެސް ގާތްގަނޑަކަށް ހަތް ބިލިއަން ރުޕީސް އަށް އަރާނެ ކަމަށެވެ. ފައިސާ ހޯދާފައިވާ ގޮތާއި މުދަލާ ގުޅޭ ކަންކަން ވެސް ވަކިން ތަހުގީގުކޮށް އޭގެ ހަގީގަތް ދެނެގަންނާނެ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިސްޓިއަން ފައްޅިތަކާއި ބައެއް ހޮޓާތަކުގައި، އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 258 މީހަކު މަރުވި އެވެ. ލަންކާގެ ދާހިލީ ހަނގުރާމަ ނިމި އަމާންކަން ގާއިމުކުރިތާ 10 އަހަރު ފަހުން ދިން މި ހަމަލާތަކަށް ފަހު ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރަމުންނެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.