Roadha Mihaaru
ލަންކާގައި ހައްޔަރުކުރި ހަތަރު ދިވެއްސަކު ދޫކޮށްލައިފި

ލަންކާގައި ހައްޔަރުކުރި ހަތަރު ދިވެއްސަކު ދޫކޮށްލައިފި

29 އެޕްރީލް 2019

ސްރީ ލަންކާގައި ދިވެހިން ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގައި ދިވެހިން ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި މިދިޔަ ހަފުތާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ހަތަރު ދިވެއްސަކު ހައްޔަރުކުރީ އެ މީހުން ދިރިއުޅޭ ގެ ފާސް ކުރިއިރު، އެއާ ގަންއެއް ފެނުނު މައްސަލާގަ އެވެ.

އެ މީހުން މިއަދު ބަންދުން ދޫކޮށްލިއިރު، އެއިން އެއްވެސް މީހެއްގެ މައްޗަށް އެއްވެސް ދައުވާއެއް ލަންކާ އިން ނުކުރެ އެވެ. އަދި ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމުގެ އެއްވެސް ތުހުމަތެއް ވެސް އެ މީހުންގެ މައްޗަށް ނުކުރެ އެވެ.

އެއާ ގަންއެއް ފެނުނު މައްސަލާގައި ހައްޔަރުކުރި ހަތަރު ދިވެހިން ދޫކޮށްލިއިރު، އިތުރު ދެ ދިވެއްސަކު އަދިވެސް ބަންދުގައި އެބަތިއްބެވެ. އެ ދެ މީހުން ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް އެ މީހުން ދިރިއުޅޭ ގެއިން ފެނުނު ކަމަށް ބުނެ އެވެ. އެކަމަކު އެ ފޮތަކީ އެ މީހުން ގެންގުޅުނު ފޮތެއް ނޫން ކަމަށް ވަނީ އެނގިިފަ އެވެ. އެ މީހުންގެ ބަންދަށް ކޯޓުން ކުރިން އޮތީ 10 ދުވަސް އިތުރުކޮށްފަ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މުޅި ލަންކާގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި، މީހުން ދިރިއުޅޭ ހުރިހާ ގެތަކެއް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ފާސް ކުރަމުންނެވެ. އެހެންވެ، އެ އޮޕަރޭޝަންގައި ދިވެހިން އުޅޭ ބައެއް ގެތައް ވެސް ވަނީ ފާސްކޮށްފަ އެވެ.

ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައި ވާއިރު، އެ ހަމަލާތަކާ ގުޅުންހުރި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ހަމަލާތަކާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހިން ހިމެނިފައެއް ނުވެ އެވެ.