Roadha Mihaaru
ލަންކާގެ ތަނެއްގައި ދިވެހިންނަށް ނުތިބެވޭނެކަމަށް ބުނެފި

ލަންކާގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހިންނަށް ނުތިބެވޭނެ ކަމަށް މެނޭޖްމަންޓުން އަންގައިފި

17 މެއި 2019

ސްރީ ލަންކާގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހިން ނުބޭތިއްބޭނެ ކަމަށް އެތަނުގެ މެނޭޖްމަންޓުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހިން ނުބޭތިއްބޭނެ ކަމަށް އެތަނުގެ މެނޭޖްމަންޓުން އަންގައިފި އެވެ.

ލަންކާގެ ކޮލަމްބޯގައި މީހުން ދިރިއުޅޭ އިމާރާތެއްގެ މެނޭޖްމަންޓުން އެގޮތަށް އެންގީ އެ ގައުމުގައި މިދިޔަ މަހު ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު، މުސްލިމުންނަށް ގިނަ ދަތިތަކާ ކުރިމަތި ކުރަމުން ދަނިކޮށެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔުނިވަސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހުމަދު މާހިރު ދީދީ، ލަންކާގެ "އައިލެންޑް ފައިނޭޝަލް ރިވިއު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ލަންކާ އިން ނަންގަވައިގެން އުޅުއްވާ ޕެންޓް ހައުސް ހުންނަ އިމާރާތުގައި ދިވެހިންނަށް ނުތިބެވޭނެ ކަމަށް ބުނެ އެތަނުގެ މެނޭޖްމަންޓުން އީމެއިލުން އަންގާފައިވާ ކަމަށެވެ. އަދި އެތަނުގައި ގޯސްކޮށް ކަމެއް ނުހިންގަނީސް އެގޮތަށް އެންގުމަކީ ވަކި ބަޔަކާ މެދު ތަފާތު ކުރުމުގެ އަމަލެއް ކަމަށް މާހިރާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.

"މި ޕެންޓް ހައުސް އަކީ އަޅުގަނޑު އެތައް އަހަރެއް ވަންދެން ނަގައިގެން އުޅޭ ތަނެއް. އަޅުގަނޑު ލަންކާ އަށް އަންނަ ކޮންމެ ފަހަރަކު މި ތަނުގައި މި އުޅެނީ. ދުވަހަކު ވެސް ބަލައިނުގަނެވޭ ފަދަ އެއްވެސް ކަމެއް މި ތަނުގައި ކޮށްފައެއް ނޯންނާނެ. އަދި އަޅުގަނޑު މިތަން އެހެން ބަޔަކަށް ކުއްޔަށް ދީފައެއް ވެސް ނުވާނެ." މާހިރު ވިދާޅުވި ކަމަށް ނޫހުގައި ވެ އެވެ.

ލަންކާގައި ދިރިއުޅުއްވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މާހިރު.

ލަންކާގައި ދިރިއުޅުއްވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މާހިރު.

މާހިރު ވިދާޅުވި ގޮތުގައި، އޭނާ އަކީ އެއްވެސް އިރަކު ޓެރަރިޒަމާއި ނޭދެވޭ އަމަލުތަކަށް ހިތްވަރު ދެއްވި ބޭފުޅެއް ނޫނެވެ. އަދި އަބަދުވެސް ލޯބި ކުރައްވަނީ އަމާން، ސުލްހަވެރި ކަމަށެވެ. ލަންކާ އަކީ އޭނާ ކުޑައިރުއްސުރެ އުޅުއްވި ގައުމު ކަން ފާހަގަ ކުރައްވައި، މާހިރު ވިދާޅުވީ، ވަކި ބަޔަކަށް ވީތީ މިހާރު އެ ގައުމުގައި އަމަލު ކުރަމުންދާ ގޮތުން އޭނާ ލަންކާގައި ކުރުމަށް ގަސްދުކުރާ އިންވެސްޓްމަންޓްތަކާ މެދު ވެސް ދެވަނަ ވިސްނުމަަކަށް ދާން ޖެހިފައިވާ ކަމަށެވެ.

މާހިރު ވިދާޅުވީ، އެ އިމާރާތުގައި ދިވެހިންނަށް ނޫޅެވޭނެ ކަމަށް މެނޭޖްމަންޓުން އެންގީ އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށް ބުނެ އެވެ. އެކަމަކު، އެއީ ކޮން އިރަކު އަދި ކޮން ފަރާތަކުން ދިން މައުލޫމާތުތަކެއް ކަން އެތަނުގެ މެނޭޖްމަންޓުން ހާމައެއް ނުކުރެ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގައި މުސްލިމުންނަށް ވަނީ ގިނަ ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވެފަ އެވެ. އެގޮތުން، މުސްލިމުންގެ ގޭގެ އާއި މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުން ދިނުމުގެ އަމަލުތައް މިހާރު ލަންކާގައި ދަނީ ހިންގަމުންނެވެ.