Roadha Mihaaru
ލަންކާގައި ހަމަލާދެވުނީ ރައީސްގެ ސަބަބުން ކަމަށް ބުނެފި

ލަންކާގައި ހަމަލާ ދެވުނީ ރައީސްގެ ސަބަބުން: ފުލުހުންގެ ވެރިޔާ

03 ޖޫން 2019

ސްރީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަކީ ރައީސް މައިތިރްޕަލަ ސިރިސޭނާގެ ސަބަބުން ދެވުނު ހަމަލާތަކެއް ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް ޕުޖިތު ޖަޔަސުންދަރަ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ސްރީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަކީ ރައީސް މައިތިރްޕަލަ ސިރިސޭނާގެ ސަބަބުން ދެވުނު ހަމަލާތަކެއް ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް ޕުޖިތު ޖަޔަސުންދަރަ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އޭޕްރީލް 21 ގައި ބައެއް ފައްޅިތަކާއި ހޮޓާތަކުގައި ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 258 މީހަކު މަރުވި އެވެ. އެ ހަމަލާތައް ދޭން އުޅޭކަން ޖާސޫސީ އިދާރާތަކަށް ކުރިން އެނގި އެއްވެސް ފިޔަވަޅެއް އެޅިފައި ނެތުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު ސިރިސޭނާ ވަނީ ފުލުހުންގެ ވެރިޔާ ސަސްޕެންޑްކޮށް ވަގުތީ ގޮތުން އެހެން ބޭފުޅަކާ ޒިންމާތައް ހަވާލުކޮށްފަ އެވެ.

ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި 20 ސަފުހާގެ ބަޔާނުގައި ޖަޔަސުންދަރަ ވިދާޅުވެފައި ވަނީ ގައުމުގެ ޖާސޫސީ އިދާރާތަކާއި ސަލާމަތީ ބާރުތަކާ ދެމެދު މުއާސަލާތުކުރުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި މި ހުރިހާ އިދާރާތަކެއްގެ ވެސް އެންމެ އިސް ވެރިޔަކީ ސިރިސޭނާކަން ޖަޔަސުންދަރަ ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ އޭއެފްޕީން ބުނީ އިސްލާމީ ހަރުކަށި ޖަމާއަތްތަކުން ލަންކާގައި ހިންގަމުން ދިޔަ ކަންކަން ސްޓޭޓް އިންޓެލިޖެންސް ސާވިސް (ސިސް) އިން މިދިޔަ އަހަރު ތަހުގީގުކުރަން ފެށުމުން އެކަން ހުއްޓާލަން ސިރިސޭނާ އެންގެވި ކަމަށެވެ. "ސިސް" އިން ރިޕޯޓްކުރަން ޖެހެނީ ސީދާ ރައީސަށެވެ.

ފުލުހުންގެ ވެރިޔާ ވިދާޅުވެފައިވާ ގޮތުގައި ހަމަލާ ދިން ނެޝަނަލް ތައުހީދު ޖަމާއަތް ވެސް ހިމެނޭ ގޮތުން، ޝައްކު ކުރެވޭ ދީނީ ޖަމާއަތްތައް ފުލުހުންގެ ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މޮނިޓަކޮށް ރިޕޯޓްކުރުން ހުއްޓާލަން ސިރިސޭނާ އެންގެވި ކަމަށެވެ. އަދި ވިދާޅުވީ "ސިސް" ގެ ވެރިޔާ ވެސް، ހަމަލާތަކާ ބެހޭ ގޮތުން އިންޑިއާ އިން ކުރިން ދިން މައުލޫމާތު ސީރިއަސް ގޮތުގައި ނުބެލީ ކަމަށެވެ.

ޖާސޫސީ މައުލޫމާތު ކުރިން ލިބި އެކަމަކު ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުން ސިރިސޭނާ އަށް އާންމުންގެ ފާޑުކިޔުން އަމާޒުވިޔަސް ސިރިސޭނާ ވިދާޅުވަނީ ޖާސޫސީ އިދާރާތަކުން އަދި ސަލާމަތީ ބާރުތަކުން ވެސް އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނެތް ކަމަށެވެ. އެހެންވެ ހަމަލާތަކުގެ ޒިންމާ ނަންގަވައި އިސްތިއުފާ ދެއްވަން ފުލުހުންގެ ވެރިޔާ އަށް ސިރިސޭނާ އެންގެވި އެވެ. ނަމަވެސް އޭނާ އެގޮތް ގަބޫލު ނުކުރެއްވުމުން މަގާމުން ސަސްޕެންޑްކޮށް ވަގުތީ ގޮތުން ބޭފުޅަކު ހަމަޖެއްސެވީ އެވެ.