Roadha Mihaaru
ނަޝީދު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާތީ ޝަކުވާ!

ނަޝީދު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާތީ އިދިކޮޅު މެންބަރުންގެ ޝަކުވާ

29 މެއި 2019

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ޝަކުވާ ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ޝަކުވާ ކުރައްވައިފި އެވެ.

މަޖިލިހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ މަޖިލިހުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އައްޔަން ކުރުމާ ބެހޭ ގޮތުން ކުރި ބަހުސާއި އެހެން ކަންކަމުގައި ފެނިވަޑައިގަންނަވާ ހިޔާލުތައް ނަޝީދު ދެއްވުމެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެ އެވެ.

ކުރީގެ ރައީސް ނަޝީދު ޖަލްސާގައި ވަނީ ޖޭއެސްސީގެ މުހިންމުކަމުގެ ވާހަކަ ދާއިރާގެ ރައްޔިތުންނަށް ތަފްސީލްކޮށް ކިޔައިދެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މަޖިލިހުގެ އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، މަޖިލިހުގެ އިދާރާ އާއި ރިޔާސަތުން އެކަމެއް ހަމަޖައްސައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އިދިކޮޅު މެމްބަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ މި ވާހަކައިންނެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މަޖިލިހުގައި މެމްބަރުން ކުރައްވަމުން އަންނަ ބަހުސްތަކުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ހިންގަން ވާނީ މީގެކުރިން ޖަލްސާތަކުގައި އަމަލު ކުރަމުން ދިޔަ އުސޫލުން ކަމަށެވެ. އަދި ތޯރިގް ވަނީ މަޖިލިސް މެދުކަނޑާނުލައި ގިނަ ވަގުތު ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށީ ހެނދުނު 10:00 ގަ އެވެ. މަޖިލިހުގެ ރައީސް ވަނީ ޖަލްސާ މެދުކަނޑާނުލައްވައި މެންދުރު 12 ޖަހާކަން ހާއިރަށް ކުރިއަށް ގެންދަވައިފަ އެވެ. އަދި ހުސް ވަގުތުކޮޅެއް ދެއްވުމަށް ފަހު މަޖިލިހުގެ ޖަލްސާ އަލުން ފެށީ މެންދުރު ފަހު އެކެއް ޖެހި ފަހުންނެވެ.

ނަޝީދު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާ ކަމުގެ ކަންބޮޑުވުމާ އެކު ނަޝީދު ވިދާޅުވީ އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ މެމްބަރުން ދައްކަވާ ވާހަކަތައް ހުލާސާ ގޮތެއްގައި ފާހަގަކޮށްލުމަށް ކަމަށެވެ. އަދި މެމްބަރުން ކުރައްވާ ބަހުސްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވި އެވެ.

"އެއްވެސް މިންވަރަކަށް ބަހުސްގައި ބައިވެރިވާ ނަމަ، މެމްބަރު ފާހަގަކޮށް ދެއްވައިފި ނަމަ، އަޅުގަނޑު އިހްތިރާމް ކުރާނަން،" ތޯރިގް ނެންގެވި ނިޒާމީ ނުކުތާ އަށް ޖަވާބުދެއްވައި ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދަވާތީ އާއި ނަމާދު ވަގުތަށް މެދުކަނޑާނުލާތީ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެކަމަކު، އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރުން ބޭނުން އިރެއްގައި، މަޖިލިސްކުރާ މާލަމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ނިޒާމީ މައްސަލައެއް މެމްބަރަކު ނެންގެވީމާ، މަޖިލިހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅެއް ނުވެވޭނެ ކަމަށެވެ. އަދި މަޖިލިހުގެ ގަވައިދުގައި ވެސް އެއީ ހުއްދަކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވައި، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުނު އިރު، އަމަލުކުރީ 17 ވަނަ މަޖިލިހުގައި ބޭނުން ކުރި ގަވައިދަށް ކަމަށެވެ. މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ޖެހޭ އިރު، މިހާރު މަޖިލިހުގައި އަމަލުކުރާނެ ގަވައިދެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން 17 ވަނަ މަޖިލިހުގައި ހިންގި ގަވައިދު، 18 ވަނަ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި އިސްލާހުކޮށް ގެނައުމަށް ނިންމި ނިންމުން އަދިވެސް އޮތީ ރައީސްގެ މޭޒު ކޮޅުގައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނަޝީދު މަޖިލިސް ހިންގަވަނީ ކުރިން ޕްރެކްޓިސް ކުރި ގޮތަށް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވެ، އެންމެ ރީތި ގޮތަށް ކަމަށެވެ.