Roadha Mihaaru
ނަޝީދު ލަންކާއިން ފުރާވަޑައިގެންފި

ބައްްދަލުވުންތަކަށް ފަހު ނަޝީދު ލަންކާއިން ފުރާވަޑައިގެންފި

05 ސެޕްޓެމްބަރ 2016

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ގައުމުން ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ގައުމުން ފުރާވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ނަޝީދާ އެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި އެވެ. ކުރިން އަޑުއަރާފައި އޮތީ ލަންކާ ގައި އޮތް ބައްދަލުވުންތަކުގައި އެ ދެ ބޭފުޅުންނާ އެކު އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ޖަމީލް ލަންކާ އަށް ވަޑައެއްނުގަންނަވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރަކަށް މަގުފަހިކުރަން އުފައްދާފައިވާ އިއްތިހާދުގެ އިސް ބޭފުޅުން ލަންކާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އެ އިއްތިހާދުގެ އިސް ބޭފުޅުން ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ ނަޝީދު ބައްދަލުކުރެއްވީ ކޮން ބަޔަކާ ކަމެއް އަދި މަޝްވަރާ ކުރެއްވީ ކޮން ކަމަކާ ގުޅޭގޮތުން ކަމެއް ވެސް ސާފެއް ނުވެ އެވެ. މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ. އެ ބަދަލުތައް ގެންނަން ލަންކާގެ އެހީތެރިކަން ބޮޑުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ނަޝީދުގެ ދަތުރުފުޅާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު ވިދާޅުވެފައި ވަނީ އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވީ އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.

އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ރިޕޯޓާ އެކު އިދިކޮޅު ފަރާތްތަކުން "ބަޣާވާތަކުން" ގެންނަން އުޅެނީ ކަމަށް ދިވެހި ސަރުކާރުން ދެއްކި ވާހަކަތަކާ ގުޅިގެން ލަންކާ ސަރުކާރުން ވަނީ ރައްދު ދީފަ އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެ ގައުމުގައި ހުންނެވިޔަސް އެ ގައުމުން ކަންބޮޑުނުވާ ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތް ކަމަށް ލަންކާ އިން ވަނީ ބުނެފަ އެވެ. ލަންކާ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސެނެރަތުނަ ކޮލަމްބޯ ގެޒެޓު ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މައުމޫންގެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ވެސް ލަންކާގަ އެވެ. މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގަތުމާ އެކު ލަންކާ ސަރުކާރަށް ނަޝީދު ޝުކުރު ވެސް އަދާކުރެއްވިކަން ފާހަގަކުރައްވައި ރަޖިތަ ވިދާޅުވީ ނަޝީދު މިހާރު ވެސް ކުރައްވަނީ އޭރު ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.