Roadha Mihaaru
"ސިކުންތުކޮޅެއްގެ ތެރޭ ގައުމީ ކެންޑިޑޭޓެއް ހޯދިދާނެ"

ސިކުންތުކޮޅެއްގެ ތެރޭގައި ވެސް ގައުމީ ކެންޑިޑޭޓެއް ހޯދިދާނެ: އަލީ ވަހީދު

13 ނޮވެމްބަރ 2017

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ނެރެން ޖެހޭނީ އެއް ކެންޑިޑޭޓެއް ކަމަަށާއި އެފަދަ ގައުމީ ކެންޑިޑޭޓެއް ހޯދަން ސިކުންތުކޮޅެއް ވެސް ނުނަގާނެ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު ލަންޑަނުން: އަބްދުﷲ ޖަމީލު

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ނެރެން ޖެހޭނީ އެއް ކެންޑިޑޭޓެއް ކަމަަށާއި އެފަދަ ގައުމީ ކެންޑިޑޭޓެއް ހޯދަން ސިކުންތުކޮޅެއް ވެސް ނުނަގާނެ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މޭ 1، 2015 ގެ ބޮޑު މުޒާހަރާއަށް ފަހު އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވިދާޅުވީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެގެން ރައީސް އަބްދުﷲ ޔާމީން ބަލިނުކުރެވޭނެ ކަމަށް ބުނާ އެކަކު ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާއްމު ރައްޔިތުންގެ ތެރޭގައި ވެސް، ސިޔާސީ ލީޑަރަކު ވެސް ނެތް އެކަކު ނުކުމެއްޖިއްޔާ އަޅުގަނޑުމެން މޮޅުނުވާނޭ ބުނާ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އެންމެނަށް ވެސް ފަސޭހަ މި އަނިޔާއާ ދެކޮޅަށްތޯ ނުވަތަ އެއްކޮޅަށްތޯ ނިންމަން. އަދި އިތުރު ހިޔާލުތަކެއް ގެންގުޅޭކަށް ނުޖެހޭ. ރައްޔިތުންނަށް މި ވޯޓަކީ ފަސޭހަ ވޯޓަކަށް ހަދައިދޭން ޖެހޭ."

"ގައުމީ ކެންޑިޑޭޓެއް" ނެރެވޭނެ ގޮތެއް ހަދަން އެންމެ ބޮޑު އެހީތެރިކަމެއް ދެވެން އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީއަށެވެ. އޭގެ ސަބަބުތައް ވެސް ދެއްކެވި އެވެ. އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ނިންމާފައި އަދި ނެތުމެވެ. އަނެއް ސަބަބަކީ އެމްޑީޕީން އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރެވޭ ބާރު އެ ޕާޓީގައި ވެސް ނެތުމެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ވިދާޅުވީ އެމްޑީޕީން ނިންމަންވީ އިންތިހާބަށް ނުކުންނަ އިރު 45 ޕަސެންޓްގެ އެންމެ ބޮޑު ޕާޓީއަށް ވުންތޯ ނުވަތަ 51 ޕަސެންޓްގެ ސަރުކާރެއް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތްކުރުންތޯ ކުރެ ކޮންމެވެސް އެއް ގޮތެކެވެ. އެ ނަތީޖާ ނެރެން "ކާލާ މަންނަ" އޮތީ ވެސް އެމްޑީޕީ އަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އެންމެ ބޮޑު ޕާޓީއަށް ވީމަ ކޮމްޕްރޮމައިޒް ބޮޑަށް ވެސް ކުރަން ޖެހިދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކާލާ މަންނަ އޮތީ އެމްޑީޕީގައި. ކެންޑިޑޭޓަކީ ކާކުތޯ އެއީ ކޮން ތާކުން އަންނަ ކާކުތޯ އަޅުގަނޑު ބުނާކަށް ނެތިން. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަށް އެންމެ ބޮޑު ކާމިޔާބެއް ހޯދުމަށް ކާލާ މަންނަ އޮތީ އެމްޑީޕީ އަތުގައި،"

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ގުޅިދާނެ ކަމަށް ކުރިން ގަބޫލު ވެސް ނުކުރެވޭ ބޭފުޅުން މިހާރު އެއް އަތަކަށް އަރުއްވައިގެން އުޅުއްވަނީ "ރައްޔިތުންނާއި ގައުމަށްޓަކައި" ކަމަށް ވިދާޅުވާ އިރު، ގައުމީ ކެންޑިޑޭޓެއް ނެރުމުގައި އެ ބޭފުޅުން "ދޫކޮށްލަންވާ އެއްޗެއް ދޫކޮށްނުލެވެންޏާ" އެކުގައި ތިބުމުގެ މާނައެއް ނެތެވެ.

އަލީ ވަހީދުގެ މި ވާހަކާގައި ސިޔާސީ ވަކި ބޭފުޅެއްގެ ނަން ވިދާޅެއްނުވެ އެވެ. އެކަމަކު ކުރީގެ ދެ ރައީސުން ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ މުހައްމަދު ނަޝީދަކީ، ސިޔާސީ ގޮތުން ގުޅިވަޑައިގެންފާނެ ބޭފުޅުން ކަމަކަށް، އޭގެ ކުރިން އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ.

އޭނާ ވަނީ ނުސީދާކޮށް ނަޝީދަށް އެހެން ބަހެއް އެއްލަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި އަންނަ އިންތިހާބުގައި އިދިކޮޅުން ނުކުންނަ ކެންޑިޑޭޓް ވާން ޖެހޭނީ ދައުލަތުގެ ބައެއް ބާރުތަކުގައި ތިބި މީހުންނަށް ވެސް ވޯޓު ލާން ފަސޭހަ ބޭފުޅަކަށެވެ.

ބައެއް މީހުންގެ ނަޒަރުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ނަޝީދަށް ވޯޓު ލާން ޖެހިލުންވާ ގިނަ ބަޔަކު އެބަ ތިއްބެވެ.

"ޕާޓީތަކަށް ބަލާއިރު ޕާޓީތަކުގެ އައިޑިއޮލޮޖީ [ފިކުރު]ތަކާއި ޕްރިންސިޕަލް [އުސޫލްތައް] ވެސް ދޫކޮށްފި ގައުމަށް މި ދިމާވި ހާލަތުގައި ކަމަށް ބުނެ. އެހެންވީމަ މިކަމުން އަރައިގަތުމަށް [ރައީސް ޔާމީންގެ ވެރިކަން ނިންމަން] އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނާ ވާދަކުރަން ނެރެން ޖެހޭނީ އިދިކޮޅު ޕާޓީތަކަށް ވެސް ވޯޓު ލާން ފަސޭހަ، ރާއްޖޭގެ ފަނޑިޔާރުންނަށާއި ފުލުހުންނާއި ސިފައިންނަށް ވެސް ފަސޭހަ އަދި ސިވިލް ސާވަންޓުން އަދި ރައީސް ޔާމީނާ އެކު މިވަގުތު ސަރުކާރުގައި ތިއްބެވި، އެ ބޭފުޅާގެ ސަޕޯޓަރުންގެ ތެރެއިން ވެސް މިކޮޅަށް ވޯޓުލާން ވިސްނާ ރައްޔިތަކަށް ވެސް ވޯޓުލެވޭ ފަދަ ބޭފުޅެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިދިއަ ހޯމަދުވަހު ނަޝީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ނެރެން ޖެހެނީ އިންތިގާލީ ކެންޑިޑޭޓެއް ކަމަށެވެ. އަދި އިންތިގާލީ ވެރިކަން ދެމިއޮންނަން ވާނީ އަހަރެއްހާ ދުވަހަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ވަކިވަކި ކެންޑިޑޭޓުންތަކެއް ނުކުތް ނަމަވެސް ކާމިޔާބުވާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ "އެއީ ރިސްކެއް" ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ލަންޑަންގައި "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: މިހާރު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ލަންޑަންގައި "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: މިހާރު

"އަޅުގަނޑު ދެކޭ ގޮތުގައި ފަސް އަހަރު އެމްޑީޕީ މެމްބަރު ސްޓްރަގްލް [ތަކުލީފު]ކޮށްފި. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ބޮޑު ތަކުލީފެއް އުފުލި އެއް ބަޔަކަށް ވާނެ އެމްޑީޕީގެ އާއްމު މެމްބަރުން. މުޅި ރާއްޖެއަށް އެއަށް ވުރެ ރަނގަޅު ގޮތެއް ވުން ހައްގުވޭ. އެހެންވީމަ އެ ހައްލު ހޯދައިދޭން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން މަސައްކަތްކުރަން ލަސް ވެސް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އަލީ ވަހީދު ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީތަކަށް ވެސް އެންމެ ބޮޑު މަސައްކަތަކަށް މިހާރު އޮތީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ. އެކަން ނުވެ، އިންތިހާބުގައި އިދިކޮޅު ފަރާތްތައް ބަލިވެ، "ބިމަށް ތުންގަނޑު" ހަރައިގެން ތިބޭ ތަން ދެކެން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ ލޭ ހިނގާ އެމްޑީޕީގެ މެމްބަރެއް. އަދި އެމްޑީޕީގެ ޖޯޝުގައި ހުރެ އެ ޕާޓީއަށް އެތައް ގުރުބާނީއެއް ވެގެން މިތަނަށް އަޅުގަނޑު އަމިއްލައަށް އަރުވާލެވިގެން ހުންނަން މިޖެހެނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނުގައި ތިބީ ޗުއްޓީ ހޭދަކުރާކަށް ނޫން. އަޅުގަނޑު ވަރަށް ބޮޑަށް އިހުތިރާމްކުރަން ރައީސް ނަޝީދަށާއި ލީޑަޝިޕްގެ އެހެން ބޭފުޅުންނަށް ވެސް."