Roadha Mihaaru
ވަރަށް އަވަހަށް އެނބުރި ރާއްޖެ ދާނަން: ނަޝީދު

ވަރަށް އަވަހަށް އެނބުރި ރާއްޖެ ދާނަން: ނަޝީދު

06 ސެޕްޓެމްބަރ 2016

ވަރަށް އަވަހަށް އަނެއްކާވެސް ސްރީ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެނބުރި ރާއްޖެ އަށް ވެސް ވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވަރަށް އަވަހަށް އަނެއްކާވެސް ސްރީ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެނބުރި ރާއްޖެ އަށް ވެސް ވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގެންނެވި ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް އިތުރަށް ދެން ވެރިކަން ދިފާއުނުކުރެއްވޭނެކަން ވަނީ ސާފުވެފަ އެވެ. އެހެންވެ 2018 ގެ އިންތިހާބު ބާއްވަން އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެކަމަކު ވެރިކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން ރާވާ ގޮތުގެ ތަފްސީލެއް ނަޝީދު ނުދެއްވަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް އަޒުލުކުރުމަކީ "ވަރަށް އުދަނގޫ" ކަމެއް ކަމަށް އެ މަނިކުފާނު އެއްބަސްވެވަޑައިގެންނެވި އެވެ. ރައީސް ޔާމީން ހައްޔަރުކޮށްގެން ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ކުރި ސުވާލަށް އެމަނިކުފާނު ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ ސަރުކާރު ބަދަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

"ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދުރަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާނެ... އެކަމަކު، ހުރިހާ ފަހަރަކު ވެރިކަން ބަދަލުކޮށްފައި ވަނީ ވޯޓަކުން ނޫން،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި" އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް، އިންތިގާލީ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް ފަހު ނޫނީ އެނބުރި ރާއްޖެ ނުދާނެ ކަމަށް އެ މަނިކުފާނު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނަޝީދާ އެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ އިއްޔެ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. ކުރިން އަޑުއަރާފައި އޮތީ ލަންކާ ގައި އޮތް ބައްދަލުވުންތަކުގައި އެ ދެ ބޭފުޅުންނާ އެކު އިދިކޮޅު އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ޖަމީލް ލަންކާ އަށް ވަޑައެއްނުގަންނަވަ އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެ ގައުމުގައި ހުންނެވިޔަސް ކަންބޮޑު ނުވާ ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތްޕުޅު ކަމަށާއި އެއީ ދިވެހި ސަރުކާރު ވައްޓާލަން ރާވާ ރޭވުމެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ލަންކާ އިން ވަނީ ބުނެފަ އެވެ.

އިންޑިއަން އެކްސްޕްރެސްގެ އިންޓަވިއުގައި ވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ލަންކާ އަށް ވަޑައިގަތީ ސައްހަ ޕާސްޕޯޓަކާއި ވިސާގައި ކަމަށެވެ. "އެއްވެސް ގޯސް ކަމެއް" ލަންކާގައި ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ލަންކާ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށް އަދާކުރާ މެހެމާންދާރީ ފާހަގަކުރައްވާފަ އެވެ.

"ލަންކާ ސަރުކާރު ރުޅިއަރުވާކަށް ބޭނުމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ލަންކާ އަށް ވަޑައިގަތީ ހިމާޔަތް ދީފައި ތިބޭ މީހުންނަށް ދޫކުރާ ހާއްސަ ޕާސްޕޯޓެއްގަ އެވެ. އެކަމަކު ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކުރަން ރާއްޖޭން ކޯޓު އަމުރެއް ވެސް ނެރުނެވެ. އެ އަމުރު ނެރުނު ބޭފުޅުންގެ ތެރޭގައި ނަޝީދާއި ޖަމީލުގެ އިތުރުން، އެ ދެ ބެފުޅުންނާ އެކު ލަންޑަނުގައި ދިރިއުޅުއްވާ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މާދަމާ ދައްކާ ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.

ނަމަވެސް ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަލާމަތީ ބާރުތަކުގެ އިތުރަށް މުޅި ސަރުކާރު ވެސް އޮތީ ވަރުގަދަކޮށް ކަމަށް ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.