Roadha Mihaaru
ޖޭއެސްސީގެ މެމްބަރަކަށް ހިސާން އައްޔަން ކުރައްވައިފި

ޖޭއެސްސީގެ މެމްބަރަކަށް ހިސާން އައްޔަން ކުރައްވައިފި

03 ޖޫން 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެމްބަރު ހިސާން ހުސައިން އެ ކޮމިޝަނަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެމްބަރު ހިސާން ހުސައިން އެ ކޮމިޝަނަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވާ ހިސާންއާ، ޖޭއެެސްސީގެ މެމްބަރުކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ހިސާނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި ހުންނަވާނީ ހިސާން ކަމަށް ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި 80 މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާން އެންމެ ފުރަތަމަ އުޅުއްވީ ބަންޑާރަ ނައިބު އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގަ އެވެ. ހިސާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީ ޖެނެރަލްކަމާއި ސްޓޭޓް އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ އެވެ. ގާނޫނީ ދާއިރާ އިން ފަސްޓް ޑިގްރީ އާއި މާސްޓާސް ހާސިލްކުރައްވާފައިިވާ ހިސާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ފާހަގަކުރެވެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރައްވަން އެންމެ ބޮޑަށް މަސައްކަތްކުރައްވާ ވަކީލުންގެ ތެރޭގަ އެވެ. ހިސާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ފަދަ ސިޔާސީ ބޭފުޅުންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދިފާއުގައި ވެސް ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެވެ.

ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ދެން ތިއްބަވާނީ ހިސާންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުލް ރައޫފު އިބްރާހީމާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމެވެ.