Roadha Mihaaru
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ތޯރިގުގެ އިސްލާހެއް

ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ތޯރިގު ހުށަހަޅައިފި

17 އޯގަސްޓް 2020

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ހުށަހަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ހުށަހަޅުއްވައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޖޭއެސްސީ އެކުލަވާލައި މެމްބަރުން އައްޔަންކުރާ ގޮތުން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި ގޮތް ކިޔުން ވަރަށް ބޮޑަށް ހިމެނިފައިވާކަން، ޖޭއެސްސީ އެކުލަވާލައި މި ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ފާހަަގަވި ކަމަށެވެ. އެއީ އަދުލް އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބިލުގައި ބުންޏެވެ.

އޭގައި ބުނީ މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބޭއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން ފަރުމާކޮށްފައިވާ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުންނަށް ވުމުން އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ނުރަނގަޅު، ސިޔާސީީ ނުފޫޒާއި ބާރު ވެސް އެކުލެވޭ ކަމަށެވެ.

"ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުުރމުގެ މާހައުލު ގާއިމްކުރުމުގެ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން މި ބިލް ހުށަހަޅަމެވެ،" ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.

ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި މި ވަގުތު ތިއްބަވަނީ ތިން ބޭފުޅުންނެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަންގައި ސީއެސްސީގެ ރައީސަކު މިވަގުތު ނެތެވެ. މީގެ އިތުރުން ސިޔާސީ މަގާމުތަކުގެ ގޮތުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހާއި ރައީސް ވެސް މެމްބަރަކު ޖޭއެސްސީ އަށް އިންތިހާބު ކުރެ އެވެ.

ފަނޑިޔާރުން އައްޔަން ކުރުމާއި ސުލޫކީ މައްސަލަތައް ބެލުމުގެ މެންޑޭޓު އޮންނަ ޖޭއެސްސީގައި މި ވަގުތު ތިއްބެވީ ނަޝީދާއި ރިފްއަތުގެ އިތުރުން، ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އައިޝާ ޝުޖޫން މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަލީ ސަމީރާއި ދަށު ފަނޑިޔާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި އާއްމުންގެ ތެރެއިން އިންތިހާބުކުރެއްވި އައިމިނަތު އުއްމުކުލްޘޫމް އަދި ވަކީލުންގެ ތެރެއިން އިންތިހާބުކުރެއްވި އަބްދުލްމާނިއު ހުސެއިނެވެ.

ނަމަވެސް ތޯރިގު ހުށަހެޅުއްވީ، ޖޭއެސްސީގައި ތިބޭނީ އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި ރިޓަޔާކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި ވަކީލުންގެ ތެރެއިން ބޭފުޅަކާއި ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ލެކްޗަރާއަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅުއްވައި، މަޖިލީހުން ރުހުންދޭ މެމްބަރެކެވެ.

އިސްލާހުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވޭނީ ފަސް އަހަރުގެ އެއް ދައުރެވެ. ދައުރު ހަމަވުމުން އެ ބޭފުޅަކަށް ޖޭއެސްސީގެ މެމްބަރުކަމުގެ އިތުރު ދައުރެއް އަދައެއް ނުކުރެވޭނެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެ ބޭފުޅަކު ދެމިހުންނެވިހާ ހިނދަކު ޖޭއެސްއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވޭނެ އެވެ. އޭގެ އިތުރުން އުއްތަމަފަނޑިޔާރު ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަށް، ޖޭއެސްސީން އިސްތިއުފާ ދެއްވޭނެ އެވެ. އެކަން ކުރަން ބޭނުންވެއްޖެނަމަ ރައީސަށް ސިޓީ ހުށަހަޅައި އެމަނިކުފާނަށް އެ ސިޓީ ލިބުމުން ޖޭއެސްސީން ވަކިވާނެ އެވެ.

އުއްތަމަ ފަނޑިޔާރު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަކިކުރާނީ ވެސް ޖޭއެސްސީ އަށް އެ މެމްބަރަކު އައްޔަންކުރި ފަރާތަކުންނެވެ.

އެ އިސްލާހު ފާސްވެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވައިދު އިސްލާހުކޮށް އާ ކޮމިޝަން އުފައްދަންޖެހެ އެވެ.

ސިޔާސީ ބޭފުޅުންތަކެއް ކޮންޓްރޯލްކުރާ ކޮމިޝަނެއްގެ ގޮތުގައި ޖޭއެސްސީ އޮތް އޮތުން ބަދަލުކުރުމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ޕާޓީ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވި ވައުދެކެވެ. ނަމަވެސް ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް މިހާތަނަކަށް ކޮށްފައެއް ނުވެ އެވެ.