Roadha Mihaaru
"ބާރަތު" އަށް އުންމީދު ބޮޑު

"ބާރަތު" އަށް އުންމީދު ބޮޑު

06 ޖޫން 2019

ބުދަ ދުވަހު ރިލީޒްކުރި، ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" އަކީ ވަރަށް ހިނގާނެ ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުދަ ދުވަހު ރިލީޒްކުރި، ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" އަކީ ވަރަށް ހިނގާނެ ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

ސަލްމާންގެ އުމުރުގެ އެކި ދުވަސްރު ދައްކުވައިދޭ މި ފިކްމަކީ ގައުމު ދެކެ ލޯބިވާ މީހަކު ގައުމަށްޓަކައި ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. އިނގިރޭސީންގެ ވަކިތަކުން މިންޖުވެ، އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމާ އެކު، ބައިބައިވެގެންދާ ގައުމެއްގެ ވާހަކަ ވަރަށް އަސަރު ގަދަކޮށް ފިލްމުގައި ގެނެސް ދިން ދީފައިވާ ކަމަށް ކްރިޓިކް ތަރަން އަދާޝް ބުންޏެވެ.

ފިލްމުގެ ވާހަކަ އޭނާ ހުލާސާ ކުރީ މިހެންނެވެ؛ ނިކަމެތި އާއިލާއަކަށް ބޮޑުވަމުން ދިޔަ ބާރަތު (ސަލްމާން) ޒުވާން އުމުރުން އާމްދަނީ ހޯދުމުގެ ގޮތުން ޗަރުކޭހަކާ ގުޅި، ނުރައްކާތެރި ސްޓަންޓްތައް ހަދަ އެވެ. އަދި އެތަނުން އޭނާއާ ރާދާ (ޑިޝާ ޕަޓްނީ) ދިމާވެ، ލޯބީގެ ގުޅުމެއް ވެސް އުފެދެ އެވެ.

ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނާޅައި އަދި ރަސްމީ ޓްރޭނިން ވެސް ނެތި ޗަރުކޭހެއްގައި މަސައްކަތްކޮށް އެއީ އާމްދަނީ ވެސް ހޯދަން ރަނގަޅު މަސައްކަތެއް ނޫން ކަމަށް ގަބޫލުކޮށް، ބާރަތު އެ މަސައްކަތް ދޫކޮށްލަ އެވެ. ދެން އޭނާ މިސްރާބު ޖަހަނީ އެހެން ވަޒީފާއެއް ހޯދާށެވެ. އެ މަސައްކަތުގެ ތެރެއިން ކުމުދު (ކެޓްރީނާ) އާ ދިމާވެ އެވެ. ވަޒީފާ ފަހިވަނީ ކުމުދުގެ މަސައްކަތުންނެވެ. އަދި ބާރަތާއި އޭނާގެ އެކުވެރިޔާ ވިލާޔަތީ (ސުނިލް) ގްރޯވާ އަށް މެދުއިރުމަތީގެ ތެޔޮ ފީލްޑްތަކުގައި މަސައްކަތް ކުރަން ފުރުސަތު ލިބެ އެވެ.

އެކަމަކު އެ މަސައްކަތުން އުންމީދު ކުރި ވަރުގެ އާމްދަނީއެއް ނުލިބޭތީ ބާރަތު ދެން ދަނީ ބިމުގެ އަޑީގެ މައިންތަކުގައި މަސައްކަތް ކުރާށެވެ. އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ނުރައްކާތެރި ގޮވުމެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލެ އެވެ.

"ބާރަތު" ގެ ވާހަކަ ދެން އެނބުރެނީ އެ ހާދިސާ އަށް ފަހު ބާރަތު އަށް ވެގެންދާ ގޮތެވެ. އެކަން އެނގޭނީ ފިލްމު ބަލައިލުމުންނެވެ.

ތަރަން ބުނި ގޮތުގައި ފިލްމުގެ ވާހަކަ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށް ބިނާކޮށްފައި އޮތަސް، "ބާރަތު" ގެ ވާހަކައަކީ ސީދާ އިންޑިއާގެ ރަހަގަނޑު ބޮޑު، އިންޑިއާވަންތަކަން ދައްކުވައިދޭ ފިލްމެކެވެ. އަދި ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާއި ވަރުން ވީ ޝަރުމާގެ ސްކްރީންޕްލޭ ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ. މީގެ އިތުރުން ފިލްމުގެ އަސަރުގަދަކަން އިތުރުކޮށް ދެނީ މީގެ ޑައިލޮގްތަކުން ކަމަށް ބުންޏެވެ.

ތަރަން ފާހަގަކުރި ގޮތުގައި "ބާރަތު" އަކީ ޖަޒުބާތުތަކުން ފޯކޮށްލާނެ ފިލްމެކެވެ. ފިލްމަކުން އޯޑިއަންސަށް ގެނުވައި ދޭނެ ހުރިހާ އިހުސާސެއް ވަރަށް ފުރިހަމަ އަށް އަދި އޭގެ އެންމެ ފުންމިނުގައި ގެނެސް ދީފައިވާ ކަމަށް ބުންޏެވެ. އެގޮތުން މިއީ ބެލުންތެރިން ހެއްވާލައި، ރޮއްވާލާ ކަހަލަ ފިލްމެއް ކަމަށް ބުންޏެވެ.

ފިލްމުގެ ޑައިރެކްޝަނާ ބެހޭ ގޮތުން ތަރަން ބުނީ އަލީގެ މަސައްކަތަށް ކިޔާނެ މާ ބޮޑު ފާޑެއް ނެތް ކަމަށެވެ. އަދި "ބާތަރު" އެކި އެކި ޒަމާން އަދި ސަލްމާން ވެސް އެކި ލުކްތަކުގައި ދައްކުވައިދޭ ފިލްމަކަށްވެފައި އެއްވެސް އައިބު ކަމެއް ނެތް ގޮތަށް އަލީ ފިލްމު ޕްރެޒެންޓްކޮށް ދީފައިވާ ކަމަށް ބުންޏެވެ.

އަދި ޖުމްލަކޮށް ފިލްމުގެ ހުރިހާ ތަރިންގެ އެކްޓިން ވެސް ވަރަށް ރަނގަޅު ކަމަށާއި ވަކިން ހާއްސަކޮށް، ފިލްމަށް ސަލްމާންކޮށްފައި ހުރި މަސައްކަތްތަކަށް ތައުރީފު ހައްގު ކަމަށް ތަރަން ބުންޏެވެ. އޭނާ ބުނި ގޮތުގައި މިއީ ސަލްމާންގެ ފޭނުން ވަރަށް ވެސް ގަޔާވާނެ ފިލްމެކެވެ.

ކެޓްރީނާއާ ބެހޭ ގޮތުން ތަރަން ބުނީ އޭނާގެ އެކްޓިން ވެސް ވަރަށް ފުރިހަމަ ކަމަށާއި ހަވާލު ކުރި ކެރެކްޓާ އަށް ވަރަށް ރަނގަޅަށް އިންސާފުކޮށް ދީފައިވާ ކަމަށެވެ.

"ބާރަތު" އަށް ފަހެކުން ހަތަރު ތަރީގެ ރޭޓިންއެއް ދެމުން ތަރަން ބުނީ މިއީ ސްމޭޝް-ހިޓަކަށް ވާނެ ކަމަށެވެ. އަދި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ ކުރިން ފިލްމަކުން ސަލްމާން ނުފެންނަހާ ގޮތްގޮތަށް ފެންނާތީ މިއީ އޭނާގެ ފޭނުން ސިނަތާކުގެ ޓިކެޓް ކައުންޓަރުތަކުގައި ތޮއްޖެހޭނެ ފިލްމެއް ކަމަށެވެ.