Roadha Mihaaru
ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!

ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!

08 ޖޫން 2019

މެޑްރިޑް (ޖޫން 8) – ރެއާލް މެޑްރިޑަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ޗެލްސީގެ ބެލްޖިއަމް ޕްލޭމޭކަރު އެޑެން ހަޒާޑަކީ، ރެއާލް މެޑްރިޑުގެ ތާރީހުގައި އެ ކްލަބަށް އެންމެ އަގުބޮޑުކޮށް ސޮއިކުރާ ކުޅުންތެރިޔާ އަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖޫން 8) – ރެއާލް މެޑްރިޑަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ޗެލްސީގެ ބެލްޖިއަމް ޕްލޭމޭކަރު އެޑެން ހަޒާޑަކީ، ރެއާލް މެޑްރިޑުގެ ތާރީހުގައި އެ ކްލަބަށް އެންމެ އަގުބޮޑުކޮށް ސޮއިކުރާ ކުޅުންތެރިޔާ އަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގައި ހަމަވާތީ އުސޫލެއްގެ ގޮތުން މެޑްރިޑަށް އޭނާ ކުޑަ އަގަކަށް ލިބެން ޖެހޭނެ އެވެ. އެކަމަކު މަޝްވަރާތަކުގައި ޗެލްސީން ދުލެއް ނުދިނެވެ. އެހެންވެ މެޑްރިޑުން އޭނާ ގަންނަން ފުރަތަމަ ވެސް 100 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު 45 މިލިއަން ޔޫރޯ ދޭން ވަނީ އެއްބަސްވެފަ އެވެ.

ބޯނަސްތައް ދޭން ޖެހޭ ހާލަތު މެދުވެރިވެ އެ ފައިސާ ދީފި ނަމަ ޖުމްލަ 145 މިލިއަން ޔޫރޯގެ އަގަކާ އެކު ހަޒާޑް ވެގެންދާނީ މެޑްރިޑުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މިހާރު އެ ޝަރަފް އޮތީ މެޑްރިޑުން 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން 101 މިލިއަން އަށް ގަތް ގަރެތު ބޭލް އަތުގަ އެވެ. އެ ކްލަބުން 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ގަތީ 91 މިލިއަން ޔޫރޯ އަށެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ވަނީ މެޑްރިޑާ އެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެއްބަސްވެފަ އެވެ. ޔޫރޯ ކޮލިފައިންގައި ކުޅެން ގައުމީ ޓީމާ އެކު މިވަގުތު ހުރި ހަޒާޑް މެޑިކަލް ޓެސްޓްތައް ހަދައި، މެޑްރިޑުގެ ކުޅުންތެރިޔެއްގެ ގޮތުގައި މީޑިއާ އަށް ދައްކާލާނީ ޖޫން 13 ގަ އެވެ.

ހަޒާޑަކީ މެޑްރިޑުގައި އަލުން ވަރުގަދަ ޓީމެއް ބިނާކުރަން ކޯޗު ޒައިނުއްދީން ޒިދާން ކުރާ މަސައްކަތުގެ ބިންގަލެވެ. އެ ޓީމުން ވަނީ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ފޯވާޑް ލޫކާ ޔޮވިޗް ވެސް ގެނެސްފަ އެވެ. އެ ކްލަބުން ދެން ފާރަލާ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާއި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ވެސް ހިމެނެ އެވެ.

ޒިދާނާ އެކު މެޑްރިޑުން ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު އަޑިއަޅާލީ މިދިޔަ އަހަރުގެ ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލުމުގެ އިތުރުން އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ދިއުމުންނެވެ. މިދިޔަ ސީޒަނުގައި ފުރަތަމަ ހަވާލުވި ދެ ކޯޗުން ކަމަށްވާ ހުލެން ލޮޕެޓީގާއި ސެންޓިއާގޯ ސޮލާރީއާ އެކު ވެސް ނަތީޖާ ރަނގަޅު ނުކުރެވުމުން ޒިދާން އަލުން ހަވާލުވީ އެވެ. އެކަމަކު އެންމެ ބޮޑު ފިކުރަކަށް ވެފައި އޮތީ ރޮނާލްޑޯ ދިއުމުގެ މާޔޫސްކަމުން ސަޕޯޓަރުންނަށް ލުޔެއް ހޯދައިދިނުމެވެ. ހަޒާޑަކީ އެގޮތުން ގެނައި ކުޅުންތެރިޔެކެވެ.

ފްރާންސްގެ ލިލް އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް އެ ކްލަބް ދޫކޮށްލީ ލެޖެންޑެއްގެ ގޮތުގަ އެވެ. އެ ކްލަބަށް 352 މެޗު ކުޅެދީ 110 ގޯލް ޖަހައިދިން ހަޒާޑް ވަނީ ޕްރިމިއާ ލީގު ދެ ފަހަރު، ޔުރޮޕާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕާއި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގެ ކްލަބް ޑިރެކްޓަރު މަރީނާ ގްރަނޮވްސްކައިއާ ވިދާޅުވީ ހަޒާޑަށް އަލްވަދާއު ކިޔަނީ ހިތާމައާ އެކު ކަމަށްވިޔަސް އަދި އޭނާ މަޑުކުރަން ކްލަބުން ބޭނުންވާކަން ސާފުކޮށް އޭނާ އަންގާފައިވީ ނަމަވެސް އޭނާގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.

"އެހެން ގައުމެއްގައި އާ ޗެލެންޖެއް ނެގުމަށް އަދި ރެއާލް މެޑްރިޑަށް ކުޅެން ކުޑައިރުއްސުރެ ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ހަޒާޑް ނިންމި ނިންމުމަށް އަހަރެމެން އިހުތިރާމްކުރަން،" އޭނާ ވިދާޅުވިި އެވެ.

ޗެލްސީ އަށް އޮތް ފިކުރަކީ އޭނާގެ ބަދަލުގައި ކުޅުންތެރިޔަކު ހޯދޭނެ ގޮތެއް ނެތުމެވެ. އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އެ ޓީމު ސަސްޕެންޑްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ އެ ޓީމަށް ރެއާލުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރަމުންނެވެ. ގަވާއިދު ބުނާގޮތުން ކޮވަސިޗްގެ މިހާރުގެ އެއްބަސްވުން މި މަހު 31 ގެ ނިޔަލަށް ހަމަވުމުގެ ކުރިން ޗެލްސީ އަށް އެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.