Roadha Mihaaru
ކޮމަންޑު އަށް ވަރަށް ބޮޑަށް އުދަ އަރައިފި

ކޮމަންޑު އަށް ވަރަށް ބޮޑަށް އުދަ އަރައިފި

09 ޖޫން 2019

ށ. ކޮމަންޑޫގައި ހިއްކި ސަރަހައްދަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ށ. ކޮމަންޑޫގައި ހިއްކި ސަރަހައްދަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފި އެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު މުފީދު "މިހާރު" އަށް ވިދާޅުވީ ރަށުގެ ހުޅަނގު ދެކުނު ފަރާތުން އުދަ އަރަން ފެށީ މިއަދު މެންދުރު ފަހު ކަމަށެވެ. ރަށަށް އުދަ އަރައި، މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ލޮނުގަނޑު އެރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އުދަ އެރުމުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބޭ. ރަށުގެ ފުޓްސަލް ދަނޑާ ހަމައަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ށ. ކޮމަންޑޫ ހިއްކި ސަރަހައްދަށް މިއަދު އުދަ އަރާފައި. އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ނުލިބޭ. --- ފޮޓޯ: ކޮމަންޑޫ ކައުންސިލް

ށ. ކޮމަންޑޫ ހިއްކި ސަރަހައްދަށް މިއަދު އުދަ އަރާފައި. އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ނުލިބޭ. --- ފޮޓޯ: ކޮމަންޑޫ ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި އެ ރަށަށް އަދިވެސް ދަނީ އުދަ އަރަމުންނެވެ. މިއީ މި ފަހުން، ކޮމަންޑު އަށް މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރު ކަމަށް ވެސް މުފީދު ވިދާޅުވި އެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތަކީ އޭނާ ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި އުދަ އަރާ ހިސާބެކެވެ.

އާބާދީގައި 1،200 އުޅޭ ކޮމަންޑޫގެ ބިން ހިއްކުމުން އެ ރަށުގެ ބޮޑުމިން 14 ހެކްޓަރަށް ވުރެ ބޮޑެވެ. ބިން ނުހިއްކާ އިރު، އެ ރަށަކީ ކުރިން ހަތް ހެކްޓަރުގެ ރަށެކެވެ.

"މިރޭ ދަންވަރު ވެސް ބޮޑު ދިޔައިގައި ރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމަކަށްވާތީ ރައްޔިތުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކައުންސިލުން އިލްތިމާސް ކުރަނީ،" މުފީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމަންޑޫ ހިއްކި އިރު، އެ ސަރުކާރުގެ ވިސްނުން އޭރު އޮތީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާ ސަރަހައްދުގައި 50 ފްލެޓު އެޅުމެވެ. އެ ސަރަހައްދަށް އިންޖީނުގެ ބަދަލުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަށް ވެސް ވިސްނި އެވެ.

ށ. ކޮމަންޑޫ ހިއްކި ސަރަހައްދަށް މިއަދު އުދަ އަރަނީ. --- ފޮޓޯ: ކޮމަންޑޫ ކައުންސިލް

ށ. ކޮމަންޑޫ ހިއްކި ސަރަހައްދަށް މިއަދު އުދަ އަރަނީ. --- ފޮޓޯ: ކޮމަންޑޫ ކައުންސިލް

މި ދުވަސް ވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ގޯސްވެ، ވައި ވަރަށް ގަދަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި މިއީ އާންމުކޮށް ހުޅަނގު މޫސުމުގައި ރާއްޖޭގައި ވައި ބާރުވާ ނިސްބަތެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ރާއްޖޭގެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

އަދި މެދު ރާއްޖެ ތެރެ އާއި އުރުގެ އަތޮޅުތަކަށް ވައިގަދަވެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭތީ އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ރަށެއް ކަމަށް ވެސް މެޓު އޮފީހުން ބުނެ އެވެ.