Roadha Mihaaru
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާ އަށް

މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާ އަށް ވަޑައިގެންފި

18 ފެބުރުއަރީ 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިންޑިއާ އަށް މިއަދު ވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިންޑިއާ އަށް މިއަދު ވަޑައިގެންފި އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުގެ ދައުވަތަކަށް، އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން، ހޯމް މިނިސްޓްރީގެ މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ، ރާއްޖެ- އިންޑިއާގެ ގުޅުން ކުރިން ހީނަރުވެފައި އޮތަސް މިހާރު ގުޅުން ބަދަހިކުރަމުން އަންނަނީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިސްނުމުގެ ތެރެއިން ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އިންޑިއާ އަށް ކުރައްވާ މި ދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ދިވެހިރާއްޖޭ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި އިންޑިއާ އާއި ދެ ގައުމު އެކުގައި ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރެވިގެން ދާނެ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދުގެ އިންޑިއާ ދަތުރާ ގުޅޭ ގޮތުން އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓް

ދިވެހި ފުލުހުންގެ ޚިދުމަތް ތަަރައްގީ ކުރުމަށް އިންޑިއާ އިން ބޮޑެތި އެހީތަކެއް ލިބޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭނާގެ މި ދަތުރާ އެކު އިތުރު އެހީތައް ލިބި، ދެ ގައުމުގެ މަސްލަހަތަށް މަސައްކަތް ކުރާނެ އިންތިޒާމްތަކެއް ރޭވިގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓަރާއި ސީޕީ ހަމީދުގެ އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް އިންޑިއާ އަށް ވަޑައިގަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިޔަސް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު، އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމެވެ. އޭގެ ނަތީޖާ ވެސް މިދިޔަ ދުވަސްތަކުގައި ފެނިފައި ވެ އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އާދަޔާ ޚިލާފު ގާތްގުޅުމެއް ބާއްވައި، ތަމްރީނުގެ ފުރުސަތުތަކާއި އެކި ނަންނަމުގައި ލޯނާއި އެހީދޭ ގައުމަކަށް އިންޑިއާ ވަނީ ވެފަ އެވެ.