Roadha Mihaaru
1 އަހަރުގެ ކުދިން ސްކޫލަށް ވައްދަން މެމްބަރުން ދެކޮޅު

އެއް އަހަރުގެ ކުދިން ސްކޫލަށް ވެއްދުން ރަނގަޅެއް ނޫން: މެމްބަރުން

18 ޖޫން 2019

އުމުރުން އެއް އަހަރުގެ ކުދިން ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުމުރުން އެއް އަހަރުގެ ކުދިން ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ބިލުގައިވާ ގޮތުން އުމުރުން އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ.

"ބޭބީ ނާސަރީ"ގެ ބިލުން މަޝްހޫރުވި އިސްލާހުގައި ޕްރީ ސްކޫލްތަކުގައި ޕްރޮގްރާމްތައް ހިންގާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެން ކަމަށްވީ އިރު، ޕްރީ ސްކޫލް ހިންގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ޕްރޮގްރާމްތައް ހިންގާނީ ހަތަރު އަހަރާއި ހަ އަހަރުގެ ކުދިންނަށެވެ.

ފަޒުލްގެ އިސްލާހަށް މަޖިލިހުގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިސްލާހަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ހުރަސް އެޅުމަށް މަޖިލިހަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި މިއީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި ހުށަހެޅި އިސްލާހެއްގެ ގޮތުގައި މެމްބަރުން ސިފަ ކުރެއްވި އެވެ.

އެއް ކަމަކަށް މެމްބަރުން ފާހަގަ ކުރެއްވީ އުމުރުން އެއް އަހަރުގެ ކުދިން ސްކޫލަށް ގެންދާ ނަމަ، ކޮންމެ ކުއްޖެއް ބެލުމަށް ޓީޗަރަކު ބައިތިއްބަން ޖެހޭނެތީ އެވެ. އަދި އެހާ ޅަ އުމުރުގައި ކުދިން ސްކޫލަށް ގެންދިއުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާއިރު މަޖިލީހުގެ މެމްބަރުން އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާއިރު މަޖިލީހުގެ މެމްބަރުން އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ބިލަށް ބަހުސް ކުރައްވަމުން ފޭދޫ ދާއިރާގެ އެމްޑީޕީިގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ތައުލީމީ ބޮޑެތި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށެވެ. އަދި މި ބިލަކީ ތައުލީމީ ސިޔާސަތު ފުނޑުފުނޑުކޮށްލައި ހުރަސް އަޅަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހަކީ އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތަށް ހުރަސް އެޅުމަށް، ފުރައްސާރަ ކުރުމަށް ހުށަހަޅާފައިވާ ސިޔާސަތެއް. މިއީ ރޭވުންތެރި، ހީލަތްތެރި އުކުޅެއްގެ ތެރެއިން ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ ކަންކަމަށް ހުރަސް އެޅޭ އަމަލުތަކެއް ކަމަށް ގަބޫލު ކުރަން،" ނިހާދު ވިދާޅުވި އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ އެއް އަހަރުގެ ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭން ބޭނުންވާ ނަމަ، އެ އުމުރުގައި އެ ކުދިންގެ ސިކުނޑި ތަރައްގީކޮށް، ކުދިން ބޮޑުވުމަށް ހެލިފެލިވެވޭ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

"ކޮންމެ ރަށެއްގައި އެ ކުދިންގެ އުމުރުފުރައިގެ ކުދިން ކުޅޭ ޕާކެއް ފަދަ ތަންތަން ހަދައި، އެ ތަނަކީ ކުދިންނާއި އާއިލާއާ އެކު ރައްކާތެރިކަމާ އެކު ކުޅެލެވޭނެ މާހައުލަކަށް ހެދުން،" ހައިތަމް ވިދާޅުވި އެވެ.

ހައިތަމް ވިދާޅުވީ ތުއްތު ކުދިންގެ މައިންބަފައިންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ. އަދި އެ އުމުރުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެންނެވި ދެ ކަމުގައި ސަމާލުކަން ދެވިއްޖެ ނަމަ، އެ ކުދިން ރަސްމީކޮށް ސްކޫލް ފަށާ އިރު، އެ ކުދިން ވާނީ ކިޔެވުމަށް ތައްޔާރުވެފައިވާ ކުދިންނަށް،" ހައިތަމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޕްރީ ސްކޫލްތައް ހިންގަމުންދާ އިރު، ތަފާތު ގޮންޖެހުންތައް ދިމާވާ ކަމަށެވެ. ހާއްސަކޮށް، ދަނގެތި ދާއިރާގައި ހުރި ޕްރީސްކޫލްތައް ފެންވަރު ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީ ކުޑަވުމުގެ ސަބަބުން ކުދިން ތަރުބިއްޔަތު ކުރުމުގައި ދަތިތަކެއް ވަނީ ދިމާވެފަ އެވެ. އެހެންވެ، ތައުލީމީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތުއްތު ކުދިންނަށް ހިލޭ ތައުލީމް ލިބޭ ސިޔާސަތެއް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލުގެ ދަރިވަރަކު ބެލެނިވެރިންނާ އެކު ރިޕޯޓު ފޮތް ހިފައިގެން ދަނީ ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސްކޫލުގެ ދަރިވަރަކު ބެލެނިވެރިންނާ އެކު ރިޕޯޓު ފޮތް ހިފައިގެން ދަނީ ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ތުއްތު ކުދިންނަށް އެންމެ މުހިންމު އެއްޗަކީ ތަރުބިއްޔަތެވެ. އަދި ގާނޫނެއް ހެދުމުގެ ބަދަލުގައި މުހިންމީ ކުދިން ގެންގުޅޭނެ ގޮތާ މެދު މައިންބަފައިން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ޕްރީ ސްކޫލް ޕްރޮގްރާމްތައް މިހާރު ވެސް ހިންގަން އޮތް އުމުރުފުރާ އަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ވެސް އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ފަޒުލް ހުށަހެޅުއްވި ބިލުގައި މުހިންމު ބައެއް ކަންކަން ވެސް ހުރި ކަމަށާއި ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ތައުލީމީ ދާއިރާ ރިވިއު ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ފަޒުލް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭގެ ބޭނުމަކީ، ކުޑަކުދިންނަށް އެންމެ ކުޑައިރުގައި އެ ކުއްޖެއްގެ އުގެނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ލިބުމާއި އުނގެނުމުގެ މާހައުލު ހަރުދަނާ ކުރުމަށާއި ތައުލީމަށް ލޯ ހުޅުވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.