Roadha Mihaaru
ހުކުމެއް ނެތި ޖަލު ބަންދުގައި ގިނަ އަހަރުތަކެއް!

ހުކުމެއް ނެތި ޖަލު ބަންދުގައި ގިނަ އަހަރުތަކެއް!

23 ޖޫން 2019

ހުކުމެއް ނެތި ޖަލުގައި ގިނަ އަހަރުތަކެއް ވީ ގައިދީން އެބަތިބި ކަމަށާއި މި ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމާއި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކަމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުކުމެއް ނެތި ޖަލުގައި ގިނަ އަހަރުތަކެއް ވީ ގައިދީން އެބަތިބި ކަމަށާއި މި ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމާއި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކަމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގައި މިދިޔަ ބުރާސްފަތިދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް މުނާޒް ހާޒިރުކުރުމުން ވިދާޅުވީ މައްސަލަ އުފެދުނީ ރިމާންޑުގައި ގައިދީން ބައިތިއްބާ ޔުނިޓުގައި ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު އޮފިސަރެއްގެ ގާތުގައި އެދުނީ ޖަލަށް ވެއްދުން މަނާ އެއްޗެއް އެހެން ގޮޅިއަކުން ގެނެސްދިނުމަށެވެ. އެކަމަށް އޮފިސަރު އިންކާރު ކުރުމުން ދަގަނޑު ބުރިއަކުން ހަމަލާދިނުމާ އެކު އޮފިސަރުންތަކެއް ގޮޅިތަކަށް ވަދެ ގައިދީންތަކަކަށް އަނިޔާކުރީ އެވެ.

"އެތަނުގައި [ޔުނިޓު ހަތަރެއްގައި] އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ ކުށެއް ކުރުމުގެ ތުހުމަތުގައި ގެނެސް މުއްދަތެއް ނެތް ގޮތަށް ހަތަރު އަހަރު ފަސް އަހަރު، ހަ އަހަރު ބައިތިއްބާފައި އެބަ ތިބޭ،" މުނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އެކި އުނދަގޫތަކާ ގައިދީން ކުރިމަތިލާން ޖެހެ އެވެ.

"ގިނަ ފަހަރަށް މި ހުންނަނީ މީހާ ރުންކުރުވެފައި ރުޅިގަދަވެފައި. އެހެންވީމަ އޮފިސަރުންނާ ކުރިމަތިލާން އަބަދުވެސް ބޭނުންވެފައި މިތިބެނީ،" މުނާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެހާ ދުވަހު ރިމާންޑުގައި ހުންނަން ޖެހޭނެ ކަމަކަށް."

އޭނާ ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް ގިނަ މީހުން ބައިތިއްބަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އެދުމުގެ މަތިން ކަމަށް ވުމާ އެކު ޕީޖީއާ ބައްދަލު ކުރައްވައި އެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށެވެ. އޭގެ އެއް މަސް ވީ ދުވަހު، އެ ލިސްޓާ އެކު ސުޕްރީމް ކޯޓަށް ވަޑައިގަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދިފައި އޮންނާނީ އަވަސްކޮށްދެއްވަން [އެ މައްސަލަތައް]. އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ނިމިދާނެ ކުށް ސާބިތުނުވާ ގޮތަށް ވެސް. އެ މީހުންގެ އުމުރުން ވެސް ދުވަސްތަކެއް އެ ދިޔައީ،" މުނާޒް ވިދާޅުވި އެވެ.

ޕީޖީ އާއި ސުޕްރީމް ކޯޓާ އެކު ބޭއްވެވި ބައްދަލުވުންތަކުގެ ތަފްސީލް މެމްބަރުންނާ މުނާޒް ހިއްސާކުރެއްވީ ކޮމިޓީ ސިއްރުކޮށްގެން ގެންދިޔަ ވަގުތެވެ.