Roadha Mihaaru
"ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަން ހަނދާންބަހައްޓާތި"

ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން ކުންފުނިތަކުގެ ވެރިން ހަނދާނުގައި ބަހައްޓަވާ: ރައީސް

27 ޖޫން 2019

މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅޭނީ "ޒީރޯ ޓޮލަރެންސްކަން" ސަރުކާރު ކުންފުނިތަކުގެ ވެރިން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅޭނީ "ޒީރޯ ޓޮލަރެންސްކަން" ސަރުކާރު ކުންފުނިތަކުގެ ވެރިން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ފިނޭންސް މިނިސްޓްރިން ބޭއްވި މަހާސިންތާގައި ރައީސް މިހެން ވިދާޅުވީ ކުރީގެ ސަރުކާރުގައި ކުންފުނިތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތްކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީި ރައްޔިތުންގެ ފައިސާއިން ހިންގާ ތަންތަނަށް ވާތީ ރައްޔިތުންގެ ފައިސާ އަށް އަމާނާތްތެރިވެ ތެދުވެރިވާން ޖެހޭނެ ކަމަށެވެ.

"ސަރުކާރުން ކޮންމެ ކުންފުންޏެެއް ވެސް އުފައްދާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުުގެ މަގުސަދުގައި. އެހެންވީމާ ކޮންމެ ކުންފުންޏެއް ވެސް ވާން ޖެހޭނީ ވަރަށް ޒިންމާދާރު ޖަވާބުދާރީވާ ކުންފުންޏަކަށް. ސަބަބަކީ މި ކުންފުނިތަކަކީ ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުނިތަކަށް ވާތީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގައި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގައި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސަރުކާރެއްކަން ކުންފުނިތަކުގެ ވެރިން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގިޔަ ނުދޭނެ ކަމަށެވެ.

ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވަނީ ޕްރޮކިއުމަންޓާއި ބިޑު ހުށަހެޅުމުގެ ތެރެއިންކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކުންފުނިތަކުގެ ވެރިންނަށް ރައީސް ގޮވައިލެއްވި އެވެ. އެގޮތުން ބިޑާއި ޕްރޮކިއުމަންޓުގެ ކަންތައްތައް ދެފުށް ފެންނާނެހެން ހާމަކަންމަތީ ކުރުމަށް ރައީސް އިރުޝާދު ދެއްވި އެވެ.

"ސަރުކާރުގަ އާއި ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމުގައި އޮތް އެންމެ ބޮޑު ދިމާލަކީ ޕްރޮކިއުމަންޓާއި ބިޑު ހުޅުވާލުމުގައި ދިމާވާ މައްސަލަތައް. އެހެންވީމާ މި ކަންތައްތައް ކުރިއަށްގެންދަން ވާނީ ކުރިއަށްވުރެ ހާމަކޮށް ދެފުށް ފެންނަގޮތަށް ނުފޫޒުން އެއްކިބާވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކުންފުނިތަކަށް މުވައްޒަފުން އައްޔަން ކުރުމުގައި ގާބިލު މީހުންނަށް އިސްކަން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެއީ ކުންފުނީގެ މުސްތަގުބަލަށް ވެސް ކުރާނެ ފައިދާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.