Roadha Mihaaru
ބޭނުމެއް ނެތް 11 ކުންފުންޏެއް އުވާލަނީ

ބޭނުމެއް ނެތް 11 ކުންފުންޏެއް އުވާލަނީ

31 އޮކްޓޯބަރ 2021

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ 10 ކުންފުންޏަކާއި 30 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ހިމަނައިގެން 11 ކުންފުންޏެއް އުވާލުމުގެ މަަސައްކަތް ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ 10 ކުންފުންޏަކާއި 30 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ހިމަނައިގެން 11 ކުންފުންޏެއް އުވާލުމުގެ މަަސައްކަތް ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލުތައް ހިމެނޭ ބަޖެޓް ފޮތުގައި ވާގޮތުން 11 ކުންފުންޏެއް އުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، 19 ކުންފުންޏެއް މިހާރު ވެސް ވަނީ އުވާލައިފަ އެެވެ. ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ހިއްސާވާ ކުންފުނިތައް އުވައިލުމާ މެދު ގޮތެއް ކަނޑައަޅަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިންނެވެ. ކުންފުންޏެއް އުވައިލަން އެ ބޯޑުން ނިންމަނީ މާލީ ޕާފޯމެންސް ރިވިއުކުރާއިރު ޕާފޯމެންސް ދަށް ނަމަ އެވެ.

އުވާލުމުގެ މަސައްކަތް ފަށާފައިވާ ކުންފުުނިތައް

1- މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)

2- ވޯކްސް ކޯޕަރޭޝަން ލިމިޓެޑް

3- ހިތަދޫ ޕޯޓް ލިމިޓެޑް

4- ގަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

5- ކުޅުދުއްފުށި ޕޯޓް ލިމިޓެޑް

6- ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް

7- ފެލިވަރު ފިޝަރީޒް މޯލްޑިވްސް

8- ވިލިނގިލި އިންވެސްްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

9- މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

10- ހަޒާނާ މޯލްޑިވްސް

11- ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް

އުވާލުމުގެ މަސައްކަތް ފަށާފައިވާ އެ ކުންފުނިތަކުން ކުރަން ކަނޑައެޅި މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަނީ ސަރުކާރުގެ އެހެން ކުންފުނިތަކަކުންނެވެ. މީގެ ތެރެއިން ހިތަދޫ ޕޯޓްސް ލިމިޓެޑަކީ އައްޑޫ ވިޔަފާރި ބަނދަރު ހިންގަން އުފެއްދި ކުންފުންޏަކަށް ވާއިރު، އެ ބަނދަރު މިހާރު ހިންގަނީ އެމްޕީއެލް އިންނެވެ. ކުޅުދުއްފުށި ޕޯޓް ލިމިޓެޑުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރު ހިންގަން ކުރިން ރޭވި ނަމަވެސް، އެ ބަނދަރު ވެސް މިހާރު ހިންގަނީ އެމްޕީއެލް އިންނެވެ.

އުވާލުމުގެ މަސައްކަތް ފަށާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ބަދަލުގައި ރޯޑްސް ޑިވެލޮޕްމެޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ނަމުގައި އާ ކުންފުންޏެއް ވަނީ އުފައްދައިފަ އެވެ.

ކޫއްޑުއާއި ފެލިވަރު ވަކި ދެ ކުންފުންޏަކުން ހިންގަން އުފެއްދި ދެ ކުންފުނި އުވާލަނީ ކުރިއެކޭ އެއްގޮތަށް، އެ ދެ ފެކްޓްރީ ވެސް މިފްކޯއިން ހިންގާތީ އެވެ.

ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގަައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގައި ސަރުކާރުގެ 13 ކުންފުންޏަކުން ނެޓް ލޮސް ރެކޯޑްކޮށްފައި ވެ އެވެ.