Roadha Mihaaru
ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު: އެމްއެންޑީއެފް

ލަންކާގެ ހަމަލައަށް ފަހު ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު: އެމްއެންޑީއެފް

29 ޖޫން 2019

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ޓެރަރިސްޓު ހަމަލަތަކާ ގުޅިގެން ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ޓެރަރިސްޓު ހަމަލަތަކާ ގުޅިގެން ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބުދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކަށް ޓެރަރިސްޓް ހަމަލައެއް ނުދެވޭނެ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

ނިއުޒިލެންޑުން މިސާލު ނަންގަވައި އަބްދުއްރަހީމް ވިދާޅުވީ އެއީ ވަރަށް އަމާންކޮށް އޮތް ގައުމެއް ކަމަށް ހީކޮށްގެން ތިއްބައި އެ ގައުމަށް ވެސް ޓެރަރިސްޓް ހަމަލައެއް ދީފައިވާ ކަމަށެވެ.

ނިއުޒިލެންޑްގެ މިސްކިތްތަކަށް ބަޑި ހިފައިގެން މީހަކު ވަދެ މުސްލިމުންތަކެއް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތް އެ ގައުމުގައި މިހާރު ދަނީ ހިނގަމުންނެވެ. މުސްލިމުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލަތަކުގައި ގިނަ އަދަދެއްގެ މުސްލިމުންތަކެއް ވަނީ މަރުވެފަ އެވެ.

އެމްއެންޑީއެފްގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރ

އެމްއެންޑީއެފްގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރ

"އަޅުގަނޑުމެންގެ އަވަށްޓެރި ލަންކާގައި ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގައިގެން މިދިޔައީ. އޭގެ ސަބަބުން ރާއްޖެ އަށް އޮތް ނުރައްކާ ބޮޑުވެއްޖެ. އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތެކޭ ނުބުނެވޭނެ. އަޅުގަނޑުމެންގެ ރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނުރައްކަލުން ދިފާއުވުމަށް އެމްއެންޑީއެފުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ސިފައިން ތައްޔާރަށް ތިބި ކަމަށެވެ. އަދި ތްރެޓު އެސަސްމެންޓް މެކޭނިޒަމްތައް ހަރުދަނާކޮށް އެކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލުގައި ނުވަ މީހަކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ހަމަލަތަކާ ގުޅިގެން ލަންކާގައި އަދިވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކައުންޓަ ޓެރަރިޒަމް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ ހަމަލާއަކުން ރާއްޖެ ސަލާމަތް ކުރުމަށް ނުވަތަ ކަމެއް ދިމާވެއްޖެ ނަމަ، ރެސްޕޮންޑް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން މި ދަނީ،" ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ދާދި ފަހުން ސިލްސިލާ ތަމްރީންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއީ ވަކި އިތުރު ކަމެއް މެދުވެރިގެން ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް ދިވެހި ސިފައިން އޮތީ ބުނެފަ އެވެ. އޭރު ސިފައިން ބުނި ގޮތުގައި ތަމްރީންތައް ބާއްވަނީ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށެވެ.

ލަންކާގެ ހަމަލައަށް ފަހު ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް އެމްއެންޑީއެފުން ބުނި އިރު، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ދިވެހިންތަކެއް އައްޑޫން ހައްޔަރު ކުރި ކަމަށް ސޯޝަލް މީޑިއާގައި އިއްޔެ އަޑު ފެތުރިފައިވެ އެވެ. އެކަމަކު، އެމްއެންޑީއެފުން ބުނީ އައިއެސްއާ ގުޅުން ހުރި ބަޔަކު އައްޑޫން ހައްޔަރު ކުރި ކަން އެނގިފައި ނުވާ ކަމަށެވެ.