Roadha Mihaaru
އިސްލާމިކް ބޭންކްގެ 31 ޕަސެންޓް ހިއްސާ އާއްމުންނަށް

އިސްލާމިކް ބޭންކުގެ 31 ޕަސެންޓް ހިއްސާ އާއްްމުންނަށް ވިއްކަނީ

30 ޖޫން 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، 31 ޕަސެންޓް ހިއްސާ އާއްމުންނަށް ވިއްކަން މިއަދު ހުޅުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، 31 ޕަސެންޓް ހިއްސާ އާއްމުންނަށް ވިއްކަން މިއަދު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްއައިބީ ރަޖިސްޓްރީ ކޮށް، އާއްމުންނަށް ވިއްކަން ހުޅުވާލީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އެމްއައިބީގެ ހިއްސާ ވިއްކަން ފަށާކަން އިއުލާނުކުރަން މާގިރި ހޮޓަލުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ސީއީއޯ އަބުލް އިހުތިޝާމް އަބްދުލް މުހައިމިން ވިދާޅުވީ އެ ބޭންކުގެ ހިއްސާދާރުންނަށް ވުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށާއި އިންވެސްޓަރުންނަށް ހުޅުވާލެވުމަކީ އުފަލެއް ކަަމަށެވެ.

އެމްއައިބީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަލީ ވާސިފު ވިދާޅުވީ އެ ބޭންކުގެ ހިއްސާ ގަންނަ ފަރާތްތަކަށް ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިންގަނޑުން ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށެވެ. އަދި އެ ބޭންކަކީ ބާރަށް ކުރިއަރަމުން އަންނަ ބޭންކަކަށް ވާތީ ގަންނަ ހިއްސާ އަކީ ރަނގަޅު ރައުސްމާލަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ބޭންކް އެތައް ގުނައަކަށް ކުރިއަރައިގެން ދާނެ ކަމަށް. އިންޝާ ﷲ ބޭންކުގެ ހުރިހާ ހިއްސާދާރުންނާއި އިންވެސްޓަރުނަންނަށް ވެސް ބޭންކަށް ލިބޭ ކުރިއެރުމުގެ ފައިދާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީން ހިއްސާ ވިއްކާނީ އަންނަ މަހުގެ 28 އިން ސެޕްޓެމްބަރު 31 އަށެވެ. އެ ބޭންކުން ވިއްކަން ކަނޑައަޅާފައި ވަނީ 6،975،000 ހިއްސާ އެވެ. އެއީ 35 ރުފިޔާ އަށް ހިއްސާއެއްގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. ހިއްސާ ގަންނަން ބޭނުންވާ މީހުންނަށް އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެ އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. ހިއްސާގެ އަދަދު 20 އަށް ވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބުލް އިހްތިޝާމް ވިދާޅުވީ އިންވެސްޓަރުންނަށް އެ ކުންފުނިން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ވަކިވަކި ފަރުދުންގެ ބައިވެރިވުން އިތުރު ކުރުމަކީ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ރައްޔިތުންގެ ބައިވެރިވުން. އަޅުގަނޑުމެން ބޭނުންވަނީ މި ބޭންކުގެ ހިއްސާ ފަރުދުންގެ އަތުގައި ހުރުމަށް،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާއިރު އާއްމުންނަށް މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން ކުރާނެ އެއް މަސައްކަތަކީ އެ ބޭންކުން ބުނި ގޮތުގައި މިހާރު ވެސް އެ ބޭންކްގެ ހިދުމަތް ހޯދާ މީހުންނަށް މައުލޫމާތު ދިނުމެވެ.

"އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ކޮންމެ ކަސްޓަމަރެއް[ހިއްސާދާރަކަށް]ވާން. އެއީ އެބޭފުޅުންނަކީ މިހާރުވެސް ބޭންކްގެ ބައިވެރިން،" އަބުލް އިހްތިޝާމް ވިދާޅުވި އެވެ.

އެމްއައިބީ އަކީ އިސްލާމިކް ބޭންކް އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ އާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ބޭންކެކެވެ.