Roadha Mihaaru
އެމްއައިބީގެ ހިއްސާ ވިއްކަން ފަށައިފި

އެމްއައިބީގެ ހިއްސާ ވިއްކަން ފަށައިފި

28 ޖުލައި 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކަން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކަން މިއަދު ފަށައިފި އެވެ.

އެމްއައިބީން ވަނީ އެ ކުންފުނި ޕަބްލިކް ކުންފުންޏަކަށް ހަދައި 6.9 މިލިއަން ހިއްސާ ވިއްކަން ނިންމާފަ އެވެ. ހިއްސާ ވިއްކުން އިފްތިތާހުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ހިއްސާ ވިއްކަން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ މީހަކަށް ވެސް މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 700 ރުފިޔާގެ ހިއްސާ އެވެ. ހިއްސާގެ އަދަދު އިތުރުކުރާ ނަމަ އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި އެ ބޭންކުން ބުނީ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން ކަމަށެވެ. މީގެ އިތުރުން އޮޑިޓް ފާމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ އައްޔަނުކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިއްސާ ގަނެވޭނެ ލުއި ގޮތްތަކެއް ހޯދައިދީފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ.

މީގެ 8 އަހަރު ކުރިން ރާއްޖޭގައި ހިދުމަތްދޭން ފެށި މި ބޭންކުން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.