Roadha Mihaaru
އަނިޔާކުރި ފުލުހުންތަކެއް ސަސްޕެންޑްކުރަން ނިންމައިފި

ހައްޔަރު ކުރި މީހަކަށް އަނިޔާކުރި ފުލުހުންތަކެއް ސަސްޕެންޑްކުރަން ނިންމައިފި

05 ޖުލައި 2019

ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ އެކު، އޭގައި ހިމެނޭ ފުލުހުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ އެކު، އޭގައި ހިމެނޭ ފުލުހުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައިމީހަކު ހައްޔަރުކޮށް އެ މީހާގެ ގައިގައި ކޮޅުފައިން ތަޅައި އަދި އަތުގައި ގާބުރިއަކުން ވެސް ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅަ އެވެ.

ސީޕީ ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި މީހަކު ހައްޔަރުކޮށް އަނިޔާކުރާ ވީޑިއޯއެއް ފެނިވަޑައިގެންފައިވާ ކަމަށެވެ.

އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރި ފުލުހުން ސަސްޕެންޑް ކޮށް އެ މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ހަމީދު މިރޭ ކުރެއްވި ޓްވީޓް--

ފުލުހުން އަނިޔާ ކުރީ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ގެޔަށް ފުލުހުން ވަދެފައި ވަނީ މިރޭ 7:30 ހާއިރު އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ތަހުގީގު ކުރުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މި މައްސަލަ ބެލުމަށް ވާނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ފުލުހުންގެ ތެރޭގައި އޮންނަ، އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.