Roadha Mihaaru
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި

މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖެނުއަރީ 2023

ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެކަން ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެކަން ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމަށް ފަހު އިދިކޮޅު ޕީޕީއެމުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އެކަމަކު މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބަޔަކަށް އަނިޔާވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ރޭ އަމަލުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި މުޒާހަރާގައި ބައިވެރިވި މީހުންގެ ލޮލަށާއި އަނގަޔާ ދިމާކޮށް ޕެޕާ ސްޕެރޭ ޖެހުމާއި މީހުން ހައްޔަރުކުރިއިރު އެ މީހުން ބިންމައްޗަށް ވައްޓާލައި އޮބިއެޅި މަންޒަރު ވެސް ފެނުނު ކަމަށެވެ. އަދި އެއީ ރައީސްގެ އެންގެވުމަށް ފުލުހުން ހިންގި އަނިޔާވެރި އަމަލެއް ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރި އެވެ.

"ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ޔާމީނަށް ކޮށްފައިވާ ހަރާން ހުކުމާއި ދެކޮޅު ހަދައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ހަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެހެންވެ އެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލި އެވެ. އަދި މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

ޕީޕީއެމުން ބުނީ ސަރުކާރާ ވާދަވެރި ހަރަކާތްތަކަށް ހުރަސް އަޅާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުން އަންނައިރު މިފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިނު ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕީޕީއެމާއި ޕީއެންސީގެ އަޑު ކަނޑުވާލާނެ ފަދަ އިންޒާރެއް ވެސް ދެއްވާފައި ކަމަށެވެ. އެކަމަކު އޭގެ ވަކި ތަފްސީލެއް އެ ބަޔާނަކު ނުދެ އެވެ.