Roadha Mihaaru
އަނިޔާކުރި ފުލުހުންގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ

އަނިޔާކުރި ފުލުހުންނާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ: އެންއައިސީ

29 ޖުލައި 2019

މާލޭގެ ގެއެއްގެ ތެރޭގައި މީހެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ މައްސަލަ ބަލަން ހިންގާ ތަހުގީގުގެ ބޮޑު ބައި ފުރިހަމަވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ގެއެއްގެ ތެރޭގައި މީހެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ މައްސަލަ ބަލަން ހިންގާ ތަހުގީގުގެ ބޮޑު ބައި ފުރިހަމަވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.

ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވީ، ތަހުގީގަށް ހެކިތައް ހޯދައި ބަލަން ޖެހޭ ކަންކަން މިހާރު ވެސް އަންނަނީ ބަލަމުން ކަމަށެވެ. އެހެންކަމުން ލަސްނުވެ، އެ މައްސަލަ ކޮމިޝަނުން ނިންމާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ތަހުގީގު ހަމަ ބާރަށް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ބިދޭސީއެއްގެ ގައިގައި ފުލުހުން ތަޅައި އަނިޔާކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން އެ މީހާ އަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ.

އާއްމުވި ވީޑިއޯއާ ގުޅިގެން މި ފުލުހުން ވަނީ ގެއަށް ވަދެ ބަޔަކަށް ބިރު ވެސް ދައްކައިފަ އެވެ. މި ދެ މައްސަލައިގެ ތުހުމަތުގައި ހަތް ފުލުހަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ އިތުރުން އެ މައްސަލަ ބަލަން ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުން ޖިނާއީ ތަހުގީގެއް ވެސް ފެށި އެވެ.

ތަހުގީގު ކުރިއަށް ދާތީ ކަމަށް ބުނެ އެ މައްސަލައިގައި ފުލުހުން ވާހަކައެއް ނުދައްކަ އެވެ.

މި މައްސަލައިގެ ތަހުގީގު ލަސްވާތީ އާއި ސިއްރުވެރި ގޮތަކަށް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މިދިޔަ ހަފުތާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ފުލުހުން ހިންގާ ޖިނާއީ އަމަލުތަކަށް ފިޔަވަޅު ނާޅައި އިދާރީ ފިޔަވަޅު އަޅައި ދޫކޮށްލާ އުސޫލުން މި މައްސަލަ ވެސް ނިމިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފުލުހުންގެ އަނިޔާ ބަލައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވައި، މައްސަލަ ނިމުމުން އެ ފުލުހުންނާ މެދު އެޅި ފިޔަވަޅުތައް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ދެއްވައިފަ އެވެ.