Roadha Mihaaru
"ލީނާ" ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް: މުއާ

"ލީނާ" ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް: ޑައިރެކްޓަރު

08 ޖުލައި 2019

މި މަހުގެ 23 ވަނަ ދުވަހު އަޅުވާ ފިލްމު "ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލި އަޒްނީލާ ނަފީސްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބުނެ ބަޔަކު ފިލްމު ބޮއިކޮޓް ކުރަން ގޮވާލިޔަސް ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް ކަމަށް އޭގެ ޑައިރެކްޓަރު އަބްދުﷲ (މުއާ) މުއާޒް މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 23 ވަނަ ދުވަހު އަޅުވާ ފިލްމު "ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލި އަޒްނީލާ ނަފީސްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބުނެ ބަޔަކު ފިލްމު ބޮއިކޮޓް ކުރަން ގޮވާލިޔަސް ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް ކަމަށް އޭގެ ޑައިރެކްޓަރު އަބްދުﷲ (މުއާ) މުއާޒް މިއަދު ބުނެފި އެވެ.

"ލީނާ" ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފެށުމާ އެކު، ބައެއް މީހުން ދަނީ އެ ފިލްމު ބޮއިކޮޓް ކުރަން ޓްވިޓާގައި ގޮވާލަމުންނެވެ.

މިކަމާ ބެހޭ ގޮތުން މުއާ ބުނީ "ލީނާ" އަކީ އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއް ކިޔައިދޭ ފިލްމަކަށް ވިޔަސް، އަޒްލީނާގެ ހަޔާތަކާ ފިލްމާ އެއްވެސް ގުޅުމެއް ނުހުންނާނެ ކަމަށެވެ. އަދި މިއީ މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެއް ކަމަށާއި އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއް ކިޔައިދޭ ކޮންމެ ފިލްމަކީ އަޒްލީނާގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ވާން ނުޖެހޭ ކަމަށް ބުންޏެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން ބުނަމުން މި އަންނަނީ މިއީ ރާއްޖޭގައި ހިނގާފައިވާ ހާދިސާއަކުން އިސްޕަޔާވެގެން ހަދާ ފިލްމެކޭ. އިނަސަންޓް އަންހެން ކުއްޖެގެ މަރުގެ ހާދިސާއެކޭ މީގައި ކިޔައި ދެނީ،" ޑައިރެކްޓް ކުރި އަލަތު ފީޗާއާ ބެހޭ ގޮތުން މުއާ ބުންޏެވެ. "ޕްލޮޓެއް ޑިވެލޮޕްވެގެން އަންނާނީ ކޮންމެވެސް ކަމަކުން އިންސްޕަޔާވެގެންތާ. ހަމަ އެގޮތަށް ލީނާއަކީ ވެސް ހާދިސާއަކުން އިންސްޕަޔާވެގެން ހަދާފައި އޮތް ފިލްމެއް. މިއީ އެއްގޮތަކަށް ވެސް ވަކި މީހެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ނޫން. އެގޮތަށް ފިލްމު ޕްރެޒެންޓްކޮށްދޭކަށް އެއްވެސް މަސައްކަތެއް ވެސް ކޮށްފައެއް ނުހުންނާނެ."

އޭނާ ބުނީ އެ ވާހަކަ ސީދާ އަޒްލީނާގެ އާއިލާއާ ވެސް ބައްދަލުކޮށް އެތައް ފަހަރަކު ސާފުކޮށް ދީފައިވާނެ ކަމަށެވެ. އެހެންވެ އެ އާއިލާ އިން "ލީނާ" އާ ދެކޮޅަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުންޏެވެ.

"ދެން ބަޔަކު މިހާރު ފިލްމުގެ ޓިކެޓް ވިއްކަން ފެށީމަ މިއީ މިވެނި މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބުނެ ބޮއިކޮޓް ކުރަން ގޮވާލިޔަސް އަހަރެން އެކަމަކާ ހާހެއް ނުވޭ. އެއްގޮތުން ރަނގަޅުކަންނޭނގޭ ބަޔަކު މިހާރު އަހަންނަށް ފިލްމު ޕްރޮމޯޓް އެ ކޮށްދެނީ،" އަހުމަދު ޒަރީރުގެ ސްކްރިންޕްލޭއަކަށް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން މުއާ ބުންޏެވެ. "ފިލްމު ބަލައިލީމަ އެނގޭނެ މީގައި ވަނީ ކިހިނެއްކަން. ވާނުވާގައި ތިބެގެން ބަޔަކު ބޮޑު ހަރަދުކޮށްފައި ކޮށްފައި މަސައްކަތެއް ބޮއިކޮޓް ކުރަން ގޮވާލުމަކީ ވެސް ހަގީގަތުގައި މައްސަލައެއް."

އޭނާ ބުނީ "ލީނާ" އާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް މިހާރު ބަޔަކު ދެމުންދާ ކަމަށެވެ. އެކަމަކު ފިލްމު ރިލީޒް ނުކުރެވިދާނެ ހާލަތެއް ވެސް ކުރިމަތި ނުވާނެ ކަމަށް ބުންޏެވެ.

"ލީނާ" ގެ ޓްރެއިލާއެއް.

"އަހަރެން ބަލާނީ އެއިން ކޮންމެ ކަމަކީ ފިލްމު ޕްރޮމޯޓްކޮށް ދޭން ކުރާ ކަމެއްގެ ގޮތުގައި. ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަންޏާ އެކަމާ ކުރިމަތިލާން ވެސް އަހަންނަށް އެނގޭނެ،" މުއާ ބުންޏެވެ. "އަހަރެން ވެސް ވަރަށް ފަރިތަ ވާނެ މުޒާހަރާތަކަށް. އަހަރެން ހަމަ ފިލްމު ތާވަލުކޮށްފައި އޮތް ޑޭޓްގައި ފިލްމު ޕްރިމިއާ ކުރާނަން."

"ލީނާ" ގެ ޓިކެޓް އޮލިމްޕަހުން ބާރަށް ވިކެމުން އަންނަކަން ފާހަގަކޮށް އޭނާ ބުނީ އޮލިމްޕަހުގައި 15 ޝޯ ދައްކަން އަމާޒުކޮށްފައިވާ ކަމަށެވެ.

"މިހާރު މިވާ ގޮތުން ފަހަރުގައި ޝޯތައް އިތުރު ވެސް ކުރަން ޖެހިދާނެކަންނޭނގޭ،" މުއާ ބުންޏެވެ.

އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ "ލީނާ" ގެ ޕްރިމިއާގެ ޝޯގެ ޓިކެޓް ވިއްކަނީ 200ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކަނީ 100ރ. އެވެ.

މިދިޔަ އަހަރު އއ. އުކުޅަހުގައި މަންޒަރުތައް ނެގި "ލީނާ" ގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުއާ އާއި އަލީ (ދޮންއައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު (އާނަންދު) އީސަ، ޒީނަތު އައްބާސް، އަހުމަދު ނިމާލު އަދި އަހުމަދު ސައީދު ފަދަ ތަރިން ހިމެނެ އެވެ.