Roadha Mihaaru
މުއާގެ "ލީނާ" އަންނަ މަހު 23 ގައި

މުއާގެ "ލީނާ" އަންނަ މަހުގެ 23 ގައި އަޅުވަން ނިންމައިފި

16 ޖޫން 2019

މިދިޔަ އެޕްރީލް މަހު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނި އަބްދުﷲ (މުއާ) މުއާޒުގެ އަލަތު ފީޗާ ޑައިރެކްޝަން "ލީނާ" އަންނަ މަހުގެ 23 ގައި ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އެޕްރީލް މަހު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނި އަބްދުﷲ (މުއާ) މުއާޒުގެ އަލަތު ފީޗާ ޑައިރެކްޝަން "ލީނާ" އަންނަ މަހުގެ 23 ގައި ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ

މި ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު އއ. އުކުޅަހުގައި ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމެކެވެ. އަދި "ލީނާ" ގެ ޓްރެއިލާއެއް ވެސް މި އަހަރުގެ ކުރީކޮޅު ވަނީ ދައްކާލައިފަ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހިނގި މަރުގެ ހާދިސާއެއް އިންސްޕިރޭޝަނަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. "ލީނާ" ގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މީގެ ޑައިރެކްޓަރު މުއާ އާއި އަލީ (ދޮންއައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު (އާނަންދު) އީސަ، ޒީނަތު، އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

"ލީނާ" އަޅުވާނީ އަންނަ މަހުގެ 23 ގައި.

ފިލްމާ ބެހޭ ގޮތުން މުއާ ބުނީ މިހާރު ބޮޑު މަސައްކަތަކަށް އޮތީ "ލީނާ" ގެ ޑަބިން ކަމަށެވެ.

"ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މުޅި ފިލްމުގެ ހުރިހާ މަސައްކަތަކުން އަތް ދޫކޮށްކޮށްލެވޭނެ. އެ ހިސާބަށް ދިޔައިމަ ފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ތާރީހު ވެސް އިއުލާން ކުރާނަން،" މީގެ ކުރިން ކުރު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އެކްޓަރު ބުންޏެވެ. "ފިލްމުގެ ހުރިހާ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ދުރާލައި ރޭވި، ކޮންމެ ޑިޕާޓްމަންޓެއްގެ މަސައްކަތެއް ވެސް އެކަމަކަށް ހާއްސަ ބައެއްގެ ބެލުމުގެ ދަށުން ކުރިއަށް މިދަނީ. އެހެންވީމާ މާ ލަސްތަކެއް ނުވެ ލީނާގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ފެށިގެން ދާނެ."

"ލީނާ" ގެ ޓްރެއިލާ.

މުއާ ބުނީ އޭނާގެ އަލަތު ފީޗާ ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ އަދި ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށެވެ.

"މިއަށްކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ ހަމަ ގައިމު ވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ. އަހަންނަކީ އަބަދު ވެސް ކުރާ ކަމަކަށް މެކްސިމް ދޭ މީހެއް. އެހެންވީމާ ޓެކްނިކަލީ ވެސް ފުރިހަމަ އަދި ބެލުންތެރިންނަށް ވެސް ރީތި ވާނެ ފިލްމަކަށް ލީނާ ވާނެ،" އޭނާ ބުންޏެވެ. "އަހަރެން އަމިއްލައަކަށް ނުބުނާނަން ފިލްމު ވަރަށް މޮޅުވާނެއެކޭ. އެކަން ޖަޖް ކުރާނީ ބެލުންތެރިން."

"ލީނާ" އަންނަ މަހުގެ 23 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމި އިރު، މި ފިލްމުވެގެން ދާނީ މި އަހަރު އަޅުވާ 7 ވަނަ ފިލްމަށެވެ. މިހާރު އޮލިމްޕަހުގައި އޮތީ މި އަހަރުގެ ފަސް ވަނަ ފިލްމެވެ. އެއީ ވީމީޑިއާގެ "ދައުވަތު" އެވެ.

ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ ޑާކް ރެއިންގެ "މާމުއި" އެވެ.

މި އަހަރު ދެން އެޅުވި ފިލްމުތަކީ "ދައުވަތު" ގެ އިތުރުން "ނިވައިރޯޅި"، "ގޮށްރާޅު"، "40+" އަދި "ނަފުރަތުވުމުން" އެވެ.