Roadha Mihaaru
ދެ ކޯޗުންނަށް ހާއްސަ ބޮޑު ދެ ކްލަބުގެ ކުރިމަތިލުމެއް

ސިޓީ އާއި ޔުނައިޓެޑް: ދެ ކޯޗުންނަށް ހާއްސަ ބޮޑު ދެ ކްލަބުގެ ކުރިމަތިލުމެއް

10 ސެޕްޓެމްބަރ 2016

މެންޗެސްޓާ (ސެޕްޓެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު މިހާރު ވަނީ އެހެން ގޮތަކުން ވެސް ހާއްސަވެފަ އެވެ. އެއީ ފަހަކަށް އައިސް ފުޓްބޯޅައިގައި ފެނުނު އެންމެ ވާދަވެރި ދެ ކޯޗުންގެ ކުރިމަތިލުމަކަށް ވެސް ވާތީ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ މީގެ ކުރިން އެތަކެއް ފަހަރަކު ކުރިމަތިލައިފަ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު ލީގު ކަމަށްވާ ޕްރިމިއާ ލީގުގައި މިއީ މި ދެ ކޯޗުންގެ ފުރަތަމަ ކުރިމަތިލުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ސެޕްޓެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު މިހާރު ވަނީ އެހެން ގޮތަކުން ވެސް ހާއްސަވެފަ އެވެ. އެއީ ފަހަކަށް އައިސް ފުޓްބޯޅައިގައި ފެނުނު އެންމެ ވާދަވެރި ދެ ކޯޗުންގެ ކުރިމަތިލުމަކަށް ވެސް ވާތީ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ މީގެ ކުރިން އެތަކެއް ފަހަރަކު ކުރިމަތިލައިފަ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު ލީގު ކަމަށްވާ ޕްރިމިއާ ލީގުގައި މިއީ މި ދެ ކޯޗުންގެ ފުރަތަމަ ކުރިމަތިލުމެވެ.

"މިއީ އަހަރެމެންގެ މެޗެއް ނޫން. އަހަރެންނާ ގާޑިއޯލާއާ ދެކޮޅަށް މެޗެއް ނޫން. މިއީ ސިޓީ އާއި ޔުނައިޓެޑްގެ ވާދަވެރި މެޗެއް،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.

މީގެ 20 އަހަރު ކުރިން ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް މޮރީނިއޯ ހުރިއިރު ގާޑިއޯލާ އަކީ އެ ޓީމުގެ ކެޕްޓަނެވެ. މޮރީނިއޯ އާއި ގާޑިއޯލާ ގާތްގުޅުމެއް ކުރިން އޮތް ނަމަވެސް 2008 ވަނަ އަހަރު ގާޑިއޯލާ ބާސެލޯނާ ކޯޗުކަމާ ހަވާލުވި ހިސާބުން އެކަން ބަދަލުވި އެވެ. އެއީ މޮރީނިއޯ ހުރީ އޭރު ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރުމުންނެވެ. މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ކުރިންނާއި މެޗުގެ ފަހުން މޮރީނިއޯ އާއި ގާޑިއޯލާ ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން މޮރީނިއޯ އިންޓަ އަށް ކޯޗުކޮށްދިންއިރު ވެސް ބާސެލޯނާއާ 2010 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގު މެޗުގެ ކުރިން ދެ ބަސްވުންތަކެއް ފެނިގެންދިޔަ އެވެ.

"އަހަރެން ގާޑިއޯލާ އަށް އިހުތިރާމްކުރަން. ވާދަވެރިކަމަކީ ފުޓްބޯޅައިގައި އޮންނަ އެއްޗެއް. އެއީ ހަސަދަވެރިކަމެއް ނޫން،" މޮރީނިއޯ ބުންޏެވެ.

ސިޓީ އާއި ޔުނައިޓެޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. މޮރީނިއޯ ބުނީ ސިޓީއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން މޮޅެއް ހޯދުން މުހިއްމު ކަަމަށެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި އެ ޓީމުގެ ފޯވާޑް އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި އެ ޓީމުގެ ފޯވާޑް އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ

"ސިޓީ ޓީމުގައި އަގުއޭރޯ ނެތް ނަމަވެސް އަހަރެމެންނަށް ފަސޭހަކޮށްލެވޭނެ މެޗެއް ނޫން މިއީ. ދެ ޓީމުގައި ވެސް ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި. ފަރުވާކުޑަ ކޮށްލައިފިނަމަ އެންމެ މިނިޓަކުން ވެސް މެޗު ބަދަލުވެދާނެ،" މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

ގާޑިއޯލާ އާއި މޮރީނިއޯ ކޯޗުކޮށްދިން ޓީމުތައް މީގެ ކުރިން ވަނީ 16 ފަހަރު ވާދަކޮށްފަ އެވެ. ގާޑިއޯލާ ހަތް މެޗުން މޮޅުވިއިރު، މޮރީނިއޯ އަށް ހޯދުނީ ތިން މޮޅެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ގާޑިއޯލާ ބުނީ މޮރީނިއޯގެ ޓީމުތަކާ ދެކޮޅަށް ކުޅެން ވަކި ހާއްސަކަމެއް ނުގެންގުޅޭ ކަމަށާއި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެނީ މޮޅެއް ހޯދުމަށް ކަމަށެވެ.

"މޮރީނިއޯއާ ދެކޮޅަށް ވަކި ހާއްސަކަމެއް ނެތް. ހަމަ މުހިއްމު މެޗެއް މިވެސް. ބޭނުމީ މޮޅުވާން. އަހަރެންނާއި މޮރީނިއޯއާ ދެމެދު ވާދަވެރިކަން އުފައްދަނީ މީޑިއާ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސްޕެއިނާއި ޖަރުމަނުގައި ވާދަވެރި މެޗުތައް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ބޮޑު މެޗަކަށް ނުކުންނަން ތައްޔާރު ކަމަށެވެ.

"އަހަރެންނަކީ އަބަދުވެސް އާ ޗެލެންޖަށް ޝައުގުވެރިވާ ކޯޗެއް. ސްޕެއިނާއި ޖަރުމަނުގައި އެކި ޗެލެންޖްތަކާ ކުރިމަތިލައިފިން. މިއީ އަހަރެންނަށް ޕްރިމިއާ ލީގުގައި ފެންވަރު ސާބިތުކޮށްލަން ލިބޭ ފުރުސަތެއް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބާސެލޯނާ އަށް ކޯޗުކޮށްދިން ޔުނައިޓެޑްގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗާ މައްސަލަ ޖެހުނެވެ. މެޗުގެ ކުރިން އިބްރަހިމޮވިޗް ވަނީ މެޗަށް ތައްޔާރުކަމަށާއި ގާޑިއޯލާއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ގާޑިއޯލާ ވަނީ މެޗުގެ ކުރިން އިބްރަހިމޮވިޗަށް ތައުރީފްކޮށްފަ އެވެ.

"އެކި ކްލަބްތަކުގައި ފުޓްބޯޅަ އަށް އިބްރަހިމޮވިޗް ކޮށްދެމުން އެ އަންނަ ކަންތައްތަކަށް އަހަރެން އޭނަ އަށް މަރުހަބާ ކިޔަން. އަހަރެން އިބްރަހިމޮވިޗަށް އިހުތިރާމް ކުރަން. ކޮންމެ ކްލަބެއްގައި ވެސް ބޮޑު މެޗުތަކުގައި އިބްރަހިމޮވިޗް ތަފާތު ދައްކާ. އެކަމަކު މި މެޗުގައި އަހަރެމެން މި ޖެހެނީ އޭނަ ހުއްޓުވަން. އެކަމަށް ތައްޔާރު،" އިބްރަހިމޮވިޗާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.

މި މެޗުގައި ސަސްޕެންޝަންގެ ސަބަބުން ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ނުކުޅެވުނު ނަމަވެސް އެ ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ، ބަކަރީ ސަންޔާ، ވިންސެންޓް ކޮމްޕެނީ، އިލްކާއި ގޮންޑޮގަން އަދި ލިރޯއީ ސާނޭ ޓީމާ ގުޅިފައިވުމެވެ.

ޔުނައިޓެޑް ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.