Roadha Mihaaru
ޔުނައިޓެޑާ އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ދުރުމިނެއް

ޔުނައިޓެޑާ މިވަރުގެ ދުރުމިނެއް އޮންނާނެ ކަމަށް ހިޔެއް ނުކުރަން: ގާޑިއޯލާ

08 މާޗް 2020

މެންޗެސްޓާ (މާޗް 8) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއާ ދެމެދު މިހާރު އޮތް ފަރަގު އޮވެދާނެ ކަމަށް އޭނާ ކުރިން ހީނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މާޗް 8) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއާ ދެމެދު މިހާރު އޮތް ފަރަގު އޮވެދާނެ ކަމަށް އޭނާ ކުރިން ހީނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދާދި ފަހަކާ ޖެހެންދެން ޔުނައިޓެޑަކީ އަބަދުވެސް ލީގުގެ ގަދަ ތިނެއްގައި އޮންނަ ޓީމެކެވެ. ސިޓީ އަކީ ފަހަތުގައި އޮންނަ ޓީމެކެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެ ސިޓީ ކުރިއަށް ޖެހިފައިވާއިރު ޔުނައިޓެޑަށް ކުރީގެ ގަދަކަމެއް ނުދެއްކެ އެވެ.ީ

ލީގުގައި މިރޭ އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާއިރު ދެ ޓީމުގެ ފަރަގަކީ 15 ޕޮއިންޓެވެ. ސިޓީ ދެ ވަނައިގައި އޮތްއިރު ޔުނައިޓެޑް އޮތީ ހަތް ވަނައިގަ އެވެ.

"އަހަރެން އިންގްލެންޑަށް އައިއިރު ހިޔެއް ނުކުރަން ޔުނައިޓެޑާ ދެމެދު މި ތިން ހަތަރު އަހަރު މިހާ ދުރުމިނެއް އޮންނާނެ ކަމަކަށް،" ގާޑިއޯލާ ބުންޏެވެ.

އެކަމަކު ގާޑިއޯލާ ބުނީ ޔުނައިޓެޑުގެ ފެންވަރާ މެދު ސުވާލެއް ނެތް ކަމަށާއި އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މަސައްކަތް ވެސް ބަލައިގަންނަ ކަމަށެވެ. އަދި ވަކިވަކިންނާއި ޖުމްލަކޮށް އެނެލައިޒްކުރާއިރު ޔުނައިޓެޑުގެ ކުޅުންތެރިން ވެސް ފެންނަނީ މޮޅު ކުޅުންތެރިންތަކެއްގެ ގޮތުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެން އަބަދުވެސް ދެކެނީ، ކްލަބާއި ކޯޗު ގަބޫލުކުރާ ފަދަ ޓީމެއް ބިނާކުރަން ކްލަބަށާއި ކޯޗަށް ވަގުތު ބޭނުންވާކަމަށް. ބައެއް ފަހަރު ނަތީޖާތަކުން އެ މަރުހަލާ ހުއްޓުވާލަނީ. އަހަންނަކީ ޔުނައިޓެޑުގެ މީހެއް ނޫން، އެކަމަކު އަހަންނަށް އިހުސާސްކުރެވެނީ ސޯލްޝެއާއާ މެދު އެ މީހުންނަށް އިތުބާރު އޮތްކަން. އަދި އަހަރެން ދެކޭ ގޮތުގައި އޭނާ އަންނަނީ ވަރަށް ރަނގަޅަށް އެ ވަޒީފާ އަދާކުރަމުން،" ގާޑިއޯލާ ބުންޏެވެ.

ޔުނައިޓެޑުގެ ދަނޑުގައި މިރޭ ކުޅޭއިރު މިދިޔަ އަހަރުތަކުގައި އެ ދަނޑުގައި ސިޓީގެ ނަސީބު ރަނގަޅެވެ. އެގޮތުން ލީގުގައި އެ ދަނޑުގައި އެންމެ ފަހުން ސިޓީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކުރި އެވެ. އޭގެ ތެރޭގައި ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުނު ތިން މެޗުން ހޯދި ތިން މޮޅު ހިމެނެ އެވެ.

މި ވަގުތު ޔުނައިޓެޑް ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޑާބީ ކައުންޓާ 3-0 އިން ބަލިކޮށް އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަކީ ހުރިހާ މުބާރާތެއް ހިމަނައިގެން އެ ޓީމު ބަލިނުވެ ފުރިހަމަ ކުރި ނުވަ ވަނަ މެޗެވެ. އެ ޓީމުން އަންނަނީ ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރުމުގެ އިތުރުން ޔުރޮޕާ ލީގާއި އެފްއޭ ކަޕުގެ ތަށްޓާ މެދު ވެސް ވިސްނަމުންނެވެ.