Roadha Mihaaru
ރިސޯޓު މުވައްޒަފުންގެ ދަފްތަރު މޭ ޑޭގައި ލޯންޗްކުރަނީ

ރިސޯޓު މުވައްޒަފުންގެ ދަފްތަރު މޭ ޑޭގައި ލޯންޗުކުރަނީ

10 ޖުލައި 2019

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުލަވަލާ ދަފްތަރު އަންނަ މޭ ޑޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުލަވަލާ ދަފްތަރު އަންނަ މޭ ޑޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރިސޯޓު މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުން، ރިސޯޓު މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގައި ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ރިސޯޓު މުވައްޒަފުންގެ ދަފްތަރު ހެދުމަށް. އިރާދަ ކުރެއްވިއްޔާ މި ދަފްތަރު އަންނަ މޭ ޑޭގައި އިއުލާން ކުރެވޭވަރުވާނެ. މި ދަފްތަރު އެކުލަވާލުމުން މުވައްޒަފުންނަށް އަޅުގަނޑުމެންނާ ހަމަޔަަށް އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ. ގިނަ ފަހަރު މުވައްޒަފުން ފަސް ޖެހޭ ކަންބޮޑުވުން ފާޅުކުރަން. އެކަން މި ދަތުރުގެ ސަބަބުން ފަސޭހަ ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތައް ދިރާސާ ކުރުމަށް ކުރި ދަތުރުތަކުގައި ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު މުސާރައިގެ ގޮތުން ހުރި ފަރަގު ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަންތައްތައް ހައްލުވާނީ ދިވެހިންގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެކި މަގާމުތަކަށް މީހުން ތަމްރީން ކޮށްގެންނެވެ.

މީގެ އިތުރުން ޓުރިޒަމް ދާއިރާ އިސްލާހު ކުރުމުގައި މުވައްޒަފުންގެ އިތުރުން ވިޔަފާރި ވެރިންނަށް ވެސް ވިސްނައިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ކުރި އެކި ދަތުރުތަކުގައި ވަަރަށް ގިނަ ޝަކުވާތައް ލިބުނު. އެގޮތުން ހަމަ އަޅުގަނޑުމެންނަށް އެބަ ފެނޭ އެއް ވަޒީފާގައި ތިބޭ ބިދޭސީ މީހުންނާއި ދިވެހި މީހުންގެ މުސާރާގައި ފަރަގު ހުރި މިންވަރު. މިކަންތައްތައް ހައްލުކުރެވޭނީ ދިވެހިން މި ދާއިރާ އަށް ތަމްރީން ކޮށްގެން. އަޅުގަނޑު ދެކެން ބޭނުންވާ މި ދާއިރާގައި ބިދޭސީންގެ މަގާމުތައް ދިވެހިން ފިލް ކުރާ މަންޒަރު. ދެން އަޅުގަނޑުމެން މި ދާއިރާ އިސްލާހު ކުރާ އިރު ވިޔަފާރިވެރިންނަށް ވެސް މުވައްޒަފުންނަށް ވެސް ވިސްނާނަން" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި 14 ގަވާއިދެއް އެކުލެވޭ ޓުރިޒަމް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްލޭން މި މަހުގެ 30 ގައި އިފްތިތާހު ކުރަން ވަނީ ނިންމައިފަ އެވެ.