Roadha Mihaaru
އަލީ ވިދާޅުވަނީ ސާވިސް ޗާޖުގެ މިންވަރު ރަނގަޅު ކަމަށް

ސާވިސް ޗާޖު ދަށް ކަމަށް ބުނެ ވާހަކަ ދައްކާތީ ހިތާމަ ކުރަން: އަލީ ވަހީދު

25 ޑިސެމްބަރ 2019

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އެހެން ވިދާޅުވި ނަމަވެސް، ރިސޯޓުތަކަށް ލިބޭ އާމްދަނީއާ ބަލާއިރު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ކުޑަވުމާއި ބަރާބަރަށް އެ އިނާޔަތް ނުދޭ ކަމުގެ ޝަކުވާ އަަށް ދުވަހަކު ވެސް ނިމުމެއް ނާދެ އެވެ. އަދި އެއީ ރިސޯޓުތަކުގެ މުވައްޒަފުންގެ ޖަމިއްޔާ، ޓީމް އިން ވެސް ކަންބޮޑުވެ ވާހަކަ ދައްކާ ބޮޑު މައްސަލަ އެކެވެ.

އެކަމަކު، މިނިސްޓަރު އަލީ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައެއް މީހުން ސާވިސް ޗާޖު ދަށް ކަމަށް ނުވަތަ ނުދޭ ކަމަށް ގިނަ ފަހަރު ބުނަނީ ވަޒީފާ އިން ވަކި ކުރުމުންނެވެ. އެކަމަކު، އެ ޝަކުވާ ކުރަނީ މަދު ބައެއް ކަމަށް އަލީ ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައް ކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،" ރިސޯޓުތަކުގެ މެނޭޖުމަންޓު ދިފާއު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ އަދަދު ކުރީގެ ސަރުކާރުން ނުބެލިޔަސް މިހާރު އެ ކަންތައް ބަލަ އެވެ. އޭގެ ނަތީޖާގެ އަލީގައި މިނިސްޓަރު ވިދާޅުވީ، ގިނަ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ނިސްބަތް ރަނގަޅު ކަމަށެވެ. އަދި މިފަދަ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަރަށް ކުރިއްސުރެ އަންގާފައި ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 45-55 ޕަސެންޓާ ދެމެދު ހުންނަން ޖެހޭނެ ކަމަށެވެ.