Roadha Mihaaru
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

14 ޖުލައި 2019

ޖަކާޓާ (ޖުލައި 14) - އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ ޖަޒީރާތަކަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ޖުލައި 14) - އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ ޖަޒީރާތަކަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.

ބިންހެލުމާ އެކު އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައެއް ނުވެ އެވެ. ބިންހެލުން އައީ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ޓައުނަށެވެ. ބިންހެލުމުގެ އަސްލު ހުރީ 10 ކިލޯ މީޓަރު އަޑީގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުންޏެވެ.

"އެއީ ފުދޭވަރަކަށް ބާރުގަދަ ބިންހެލުމެއް. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު ބިރުން އިމާރާތްތަކުގެ ބޭރަށް ނުކުތް. ގިނަ މީހުން ތިބީ މަގުތަކުގެ މަތީގައި،" މަލުކޫގެ ޑިޒާސްޓާ މިޓިގޭޝަން އޮފިޝަލެއް ކަމަށްވާ މަންސޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިންހެލުމުގައި އެއްވެސް މީހަކު މަރުވެ އަދި އިމާރާތަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ.

އެ ޕްރޮވިންސަށް މިދިޔަ ހަފުތާގައި ވެސް ވަނީ 6.9 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި ވެސް މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިދިޔަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމާއި އޭގެ ފަހުން އުފެދުނު ސުނާމީގައި ވަނީ 2،200 މީހުން މަރުވެ އިތުރު ހާހެއްހާ މީހުން ގެއްލިފަ އެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި ރިކްޓާ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ވަނީ އެ ގައުމުން އެކަނި 170،000 މީހުން މަރުވެ އެވެ. އެ ސުނާމީގައި މުޅި ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ.