Roadha Mihaaru
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރެއް ނެތް

26 ސެޕްޓެމްބަރ 2019

ޖަކާޓާ (ސެޕްޓެމްބަރު 26) - އިންޑޮނީޝިއާގެ މަލުކޫ އައިލެންޑަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ އިތުރު މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ސެޕްޓެމްބަރު 26) - އިންޑޮނީޝިއާގެ މަލުކޫ އައިލެންޑަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ އިތުރު މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރިކްޓާ މިންގަނޑުން 6.5 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އިމާރާތްތައް ބިމާހަމަވެ އެތައް ބަޔަކު ވަނީ ބިރުން މަގުތަކަށް ނުކުމެފަ އެވެ. ރެސްކިއު އޮފިޝަލަކު ބުނީ ބިންހެލުމުގައި މީހަކު މަރުވީ ސަލާމަތްވުމަށް ސައިކަލުގައި އުސް ދިމާލަކަށް އަރަނިކޮށް، ވެއްޓި ކަމަށެވެ. ގެއްލިފައި ވަނީ ބިންގަނޑު ދަށުވި މީހަކު ކަމަށް ވެސް އޭނާ ބުންޏެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އަމްބޮން ސިޓީގެ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީވާ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓުނު ނަމަވެސް ގެއްލުމުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީގެ ސުނާމީ ޑިވިޝަނުގެ ވެރިޔާ ރަހުމަތު ޓްރިޔޯނޯ ވިދާޅުވީ ބިންހެލުން އައިއިރު ގިނަ މީހުން ތިބީ ނިދައިފައި ކަމަށެވެ.

އިންޑޮނީޝިއާގެ މަލުކޫ އައިލެންޑަށް މިއަދު އައި ބިންހެލުމުގައި އަނިޔާވި މީހަކަށް އެހީވަނީ. --ފޮޓޯ:އޭއެފްޕީ

އިންޑޮނީޝިއާގެ މަލުކޫ އައިލެންޑަށް މިއަދު އައި ބިންހެލުމުގައި އަނިޔާވި މީހަކަށް އެހީވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ މަލުކޫ ޕްރޮވިންސްގެ އެމްބޮން ސިޓީގެ އިރުއުތުރުން 37 ކިލޯ މީޓަރު ދުރަށް ކަމަށެވެ.

"އަހަރެމެން ނިދާފައި ތިއްބާ ކުއްލިއަކަށް ގޭ ތެޅެން ފެށުމުން ހޭލެވުނީ. އެއީ ވަރަށް ބާރުގަދަ ބިންހެލުމެއް،" އެމްބޮންގެ ރިޕޯޓަރަކު ބުންޏެވެ.

ބިންހެލުން އައި ނަމަވެސް ސުނާމީއެއް އުފެދިދާނެކަމުގެ ނުރައްކަލެއް ނެތް ކަމަށް އިންޑޮނީޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުންޏެވެ.

އިންޑޮނީޝިއާގެ ޖާވާ އައިލެންޑަށް އޮގަސްޓް މަހު އައި ބިންހެލުމުގައި ފަސް މީހުން މަރުވި އެވެ. ސުލަވޭސީ އައިލެންޑަށް 7.5 ގެ ބާރުމިނުގައި މިދިޔަ އަހަރު އައި ބިންހެލުމެއްގައި އުފެދުނު ސުނާމީގައި ވަނީ 4،300 މީހުން މަރުވެފަ އެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި 9.1 ގ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެ ގައުމުން އެކަނި 170،000 މީހުން މަރުވި އެވެ. މުޅި ސަރަހައްދުން މަރުވި މީހުންގެ އަދަދު 220،000 އަށް އެރި އެވެ.