Roadha Mihaaru
ފަންނީ މީހުން ނޫފެއްދޭތީ ޖާބިރުގެ ނުރުހުން މިނިސްޓަރަށް

"ފަންނީ މީހުން ނޫފެއްދޭތީ" ޖާބިރުގެ ފާޑުކިއުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރަށް

24 ފެބުރުއަރީ 2020

ރާއްޖޭގައި އެކައުންޓެންޓުންނާއި އޮޑިޓަރުން ފަދަ ފަންނީ މީހުން ބިނާ ނުކުރެވޭ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި އެކައުންޓެންޓުންނާއި އޮޑިޓަރުން ފަދަ ފަންނީ މީހުން ބިނާ ނުކުރެވޭ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ފުރަތަމަ ސުވާލުކުރެއްވީ "ހަޔަ އެޑިއުކޭޝަން މިނިސްޓަރު ހުންނަވަނީ ކީއްކުރައްވަންތޯ" އެވެ. އޭނާ ވިދާޅުވީ މީހުން ތަމްރީނުކުރާ ތަންތަން ގާއިމްކުރަން ޖެހޭ ކަމަށާއި ރާއްްޖޭގެ އިގުތިސާދު ބިލިޔަނުން ޓްރިލިއަނަށް ބަދަލުވާ އިރު އޮޑިޓަރުންނާއި އެކައުންޓެންޓުން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

"އެހެން ވެއްޖެއްޔާ އަޅުގަަނޑުމެން ހިސާބުކިތާބު ރަނގަޅަށް ބަލަަހައްޓަން ޖެހޭނެ. އޮޑިޓަރުންނާއި އެކައުންޓެންޓުންނާއި އިންޓަނޭޝަނަލް އޮޑިޓަރުންނާއި އިންޑިޕެންޑެންޓް އޮޑިޓަރުންނާއި އިންޓާނަލް އޮޑިޓަރުންނާއި މި ހުރިހާ އެއްޗެއް [މީހުންނެއް] އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެންގެ ގައުމުގައި މީހުން އެބަތިބި އިންޓެލިޖެންޓް މީހުން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތަކަށް ދިވެހިން ތަމްރީކޮށްފި ނަމަ އެކަން މާ ރަނގަޅަށް ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ކުރުވަން ޖެހެނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށް ވިދާޅުވެ ބޭރުގެ ބައެއް މަޝްހޫރު އޮޑިޓް ފާމްތަކުގެ ނަން ވެސް ގެންނެވި އެވެ.

ޖާބިރު ވިދާޅުވީ މީހުން ތަމްރީނުކުރުމުގެ ކަންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ނުވާ ނަމަ އަމިއްލަ ފަރާތްތަކާ ހަވާލުކުރުމަށެވެ.

"މި ދައުލަތުގެ ހުރިހާ ކަންތައްތައް ސަރުކާރަކަށް ނުކުރެވޭނެ. އެހެންވެގެން ޕްރައިވެޓައިޒްކުރުމުގެ ނިޒާމް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ޖާބިރު ތުހުމަތުކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ ކޮލެޖްތަކާއި ޔުނިވާސިޓީތައް ރާއްޖެ ނާންނަނީ ގަވާއިދުތައް މާ ގިނަވުމުންނެވެ.

ރާއްޖޭގެ މަތީ ތައުލީމަށް ބަލާއިރު އެކައުންޓާއި އޮޑިޓްގެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ ކުދިން ކިޔަވަ އެވެ. އެކަމަކު ބޮޑެތި ކުންފުނިތަކުގައި ދިވެހި އެކައުންޓެންޓުންނަށް ވުރެ ބޮޑަށް ސަމާލުކަން ދެނީ ބޭރު މީހުންނަށެވެ.