Roadha Mihaaru
ނަޝީދުގެ އިންޒާރު: ދޮގު ހަދާ ނަމަ ފިޔަވަޅު އަޅާނަން!

މަޖިލިހުގެ ރައީސް ނަޝީދުގެ އިންޒާރު: ކޮމެޓީތަކުގައި ދޮގު ހަދާ ނަމަ ފިޔަވަޅު އަޅާނަން!

17 ޖުލައި 2019

ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލިހަށް ހާޒިރުވެވަޑައިގެން ދޮގު މައުލޫމާތު ދޭ ކަން ފާހަގަކުރެވިއްޖެ ނަމަ، ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލިހަށް ހާޒިރުވެވަޑައިގެން ދޮގު މައުލޫމާތު ދޭ ކަން ފާހަގަކުރެވިއްޖެ ނަމަ، ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން "ސާފު ބަހުން ވާހަކަ ނުދައްކަވާ" ކަމަށެވެ. އަދި ކޮމިޓީތަކުގެ މުގައްރިރުން އެމަނިކުފާނު އަރިހު އެ ޝަކުވާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގާތުގައި ބައެއް މުގައްރިރުން އެބަ ވިދާޅުވޭ، ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން މިތަނުގައި ސާފު ބަހުން ވާހަކަ ނުދައްކަވައޭ. އިތުރުފުޅު ހައްދަވާ ކަމަށް އެބަ ޝައްކުކުރެވެއޭ،" މަޖިލިހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވެރިއެއް ނުވަތަ މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މަޖިލިހުގައި ދެން ބޭފުޅަކު އެ ބާވަތުގެ ކަމެއް ކުރައްވާ ކަން ފާހަގަކުރެއްވިއްޖެ ނަމަ ތަހުގީގު ކުރެވޭނެ، އަދި ދައުވާ ކުރަން ޕީޖީ އަރިހުގައި ދެންނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮމިޓީތަކަށް ސަރުކާރުގެ އެކިއެކި ބޭފުޅުންނާއި ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނާއި މުސްތަގިއްލު މުއައްސަސާތަކުގެ ބޭފުޅުންނާއި އަމިއްލަ ކުންފުނިތަކުގެ ބޭފުޅުން ވަޑައިގަންނަވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

އެ ބޭފުޅުން ވަރަށް ގިނަ އިން މަޖިލިހަށް ހާޒިރުވެވަޑައިގަންނަވާ އިރު، މަޖިލިހުގައި އެ ބޭފުޅުން އެހާ ގިނަ ވަގުތު ހޭދަކުރެއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީ ބައްދަލުވުންތައް ފުށުނާރާ ގޮތަށް ބޭއްވުމަށް މުގައްރިރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ނަޝީދު ވިދާޅުވީ އެއް ވުޒާރާއެއް ނުވަތަ އެއް މުއައްސަސާއެއްގެ ވެރިން ކޮމިޓީއަކަށް ގެންނަ އިރު، ހަމަ އެ ވުޒާރާއަކާއި ނުވަތަ އެ މުއައްސަސާއަކާ އެހެން ކޮމިޓީއެއްގެ މެމްބަރުން އޮޅުން ފިލުވަން ބޭނުންވާ ކަމެއް ވާ ނަމަ، އަނެއްކާ އެހެން ދުވަހެއްގައި އެހެން ކޮމިޓީއަކަށް ނުގެންނަވައި، ދެ ކޮމިޓީއެއް ނޫނީ ތިން ކޮމިޓީއެއް އެއްވެގެން ކަންކަން އޮޅުން ފިލުއްވުމުގެ މަސައްކަތް މަޖިލިިހުގައި ކުރެއްވޭނެ ކަމަށެވެ.

"ސަރުކާރުގެ މުވައްޒަފުންނަށް ވެސް ވެރިންނަށް ވެސް ފަސޭހައެއް ނުވާނެ ދުވަހުގެ ގިނަ ވަގުތު މަޖިލިހުގައި ތިއްބަވަން ޖެހިވަޑައިގަތީމަ، ދެން ވުޒާރާގެ އިދާރާގެ މަސައްކަތްތަކަށް ވެސް ދަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މެއި މަހު 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުނު ފަހުން، ކޮމިޓީތަކުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު، ކުރިއަށް ދާއިރު، އެކި ތަންތަނުގެ ވެރިން ކޮމިޓީ އަށް ހާޒިރު ކުރެ އެވެ. އަދި ވަޒީރުން މަޖިލިހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލުކޮށް، ޖަވާބުދާރީ ކުރުވާފައިވެ އެވެ. އެންމެ ގިނަ އިން މަޖިލިހަށް މިހާތަނަށް ހާޒިރުކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނެވެ.