Roadha Mihaaru
މަގާމު ހޯދަން ލޮބީ ނުކުރަން ނަޝީދު އެދިވަޑައިގެންފި

މަގާމު ހޯދަން މަޖިލީހަށް ލޮބީ ނުކުރަން ނަޝީދު އެދިވަޑައިގެންފި

03 ޑިސެމްބަރ 2020

މިނިވަން މުއައްސަސާތަކުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން މަގާމު ހޯދުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ލޮބީ ނުކުރަން މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިނިވަން މުއައްސަސާތަކުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން މަގާމު ހޯދުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ލޮބީ ނުކުރަން މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުން ކަނޑައަޅާ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މެމްބަރުންނަށް މެސެޖް ކުރެއްވުމަކީ މެމްބަރުންނަށް އުނދަގޫވާނެ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ކުރެއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް އުނދަގޫވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަމަލުކުރައްވަމުން ގެންދަވާނީ އިންސާފުވެރިކަމާ އެކުގައި ކަމަށާއި މަޖިލީހުގެ މެމްބަރުން ވެސް އަމަލުކުރައްވާނީ އެގޮތަށް ކަަން ޔަގީންވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިއްޔެ ޖަލްސާގައި ވޯޓުގެ ރަނގަބީލަށް ފަހު ލިބިވަޑައިގަތް ވަގުތުކޮޅެއްގައި ނަޝީދު ވިދާޅުވި ގޮތުގައި މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މެމްބަރުންނަށް ޓެކްސްްޓް ނުކުރައްވައިފިއްޔާ އެ ބޭފުޅުން ހޮވުމުގެ ފުރުސަތު މާ ބޮޑުވާނެ އެވެ. މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ނަޒާހަތްތެރި ބޭފުޅުން ކަމަށާއި ޓެކްސްޓް ކުރުމުން މެމްބަރުންގެ ހިތް ކިލަނބުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންސާފުވެރިވުމަށް ކުރެވޭ މަސައްކަތުގައި އެއްކަލަ ޓެކްސްޓްގެ މަތިން އަބަދުވެސް ހަނދާންވެ، އެންމެ ފަހުން، ޓެކްސްްޓްކުރި ބޭފުޅާ އަށް ވޯޓު ނުދެވޭތަން އަންނަނީ. އެހެންވީމާ އެެއީ އަޅުގަނޑަށް ފެންނަ ގޮތުގައި އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން. މިތަން ލޮބީ ކުރާކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މަޖިލީހަށް ލޮބީ ނުކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި އިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަޖިލީހުގެ މެމްބަރުންނަށް ގުޅުއްވައިގެން ކަންތައްތައް ކުރައްވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އެމަނިކުފާނު ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތަށް މަސައްކަތް ނުކުރައްވަން ފައްޔާޒަށް އޭރު އިންޒާރު ވެސް ކުރެއްވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ލޮބީނުކުރަން އެދިވަޑައިގެންނެވި އިރު. މެމްބަރުން މިނިސްޓަރުންނަށް ލޮބީ ނުކުރައްވަން ވެސް މީގެ ކުރިން ނަޝީދު އެތައް ފަހަރަކު ނަސޭހަތް ދެއްވި އެވެ.