Roadha Mihaaru
48 ބިލެއްގެ މަސައްކަތަށް އަމާޒު ހިފައިފި

48 ބިލެއްގެ މަސައްކަތަށް އަމާޒު ހިފައިފި

03 އޮކްޓޯބަރ 2019

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގައި 48 ބިލެއްގެ މަސައްކަތްކުރަން ރާވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގައި 48 ބިލެއްގެ މަސައްކަތްކުރަން ރާވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފަހު ދައުރުގައި 30 ބިލެއް މަޖިލިހަށް ފޮނުވާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި "އެޖެންޑާ 19" ގެ ސިޔާސަތުގެ ދަށުން 18 ބިލެއް އެމްޑީޕީން މަޖިލިހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ ފަހު ދައުރުގައި ދެން އެންމެ ބޮޑަށް ހިނގާނެ އެއް ކަމަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން ބަޖެޓަށް އަހުލުވެރިވާން މެންބަރުން ތައްޔާރަށް ތިއްބަވަން ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ހާމަކުރެއްވި ބައެއް ބޮޑެތި ބިލްތަކުގެ ތެރޭގައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންކަމް ޓެކްސް ނެގުމުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފެނާއި ކަރަންޓާއި ނަރުދަމާއާ ގުޅޭ ބިލް ހިމެނެ އެވެ.

އެހެން ބިލްތައް

- ސިވިލް ޕްރޮސިޖަ ކޯޑާ ގުޅޭ ބިލް.

- ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު.

- ރުއް ގަހާ ގުޅޭ ބިލު.

- ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

- ތައުލީމީ ދާއިރާއާ ގުޅޭ ބިލު.

- އާއިލާ އާއި ވަރި ކައިވެންޏާ ގުޅޭ ބިލު.

- ވަޒީފާއެއް ހޯދާ މީހުންނަށް އިނާޔަތެއް ދިނުމާ ގުޅޭ ބިލު.

- އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ބިލު.

- ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު.

ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ބިލްތައް އެޓާނީ ޖެނެރަލް އޮފީހާއި މަޖިލިހުގެ އިދާރާއާ ގުޅިގެން ކުރިއަށް ދާނެ ކަމަށެވެ.

މިދިޔަ މެއި 28 އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް 31 ބިލެއް، އާ މަޖިލިހަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ނިމިފައި ވަނީ 14 ބިލެކެވެ. ކޮމިޓީ މަރުހަލާގައި 17 ބިލެއްގެ މަސައްކަތް ނުނިމި އެބަ އޮތެވެ.