Roadha Mihaaru
އެއްބަސްވުމާ ހިލާފުވި ގޮޅިތަކެއް ބަންދުކޮށްފި

އެއްބަސްވުމާ ހިލާފުވި 15 އަށް ވުރެ ގިނަ ގޮޅި ބަންދުކޮށްފި

18 ޖުލައި 2019

މާލޭގެ ލޯކަލް މާރުކޭޓުގައި ހިންގާ 15 ގޮޅިއެއް، އެއްބަސްވުމާ ޚިލާފުވެގެން މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފި އެވެ. އެކަމަކު، ފާހަގަ ކުރެވުނު މައްސަލަތައް ހައްލު ކުރުމުން ތިން ގޮޅިއަކަށް އަލުން ވަނީ ހުއްދަ ދީފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގެ ލޯކަލް މާރުކޭޓުގައި ހިންގާ 15 ގޮޅިއެއް، އެއްބަސްވުމާ ޚިލާފުވެގެން މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފި އެވެ. އެކަމަކު، ފާހަގަ ކުރެވުނު މައްސަލަތައް ހައްލު ކުރުމުން ތިން ގޮޅިއަކަށް އަލުން ވަނީ ހުއްދަ ދީފަ އެވެ.

ގޮޅިތައް ބަންދުކުރީ، ލޯކަލް މާރުކޭޓުގައި ހުރި މައްސަލަތައް ބެލުމަށް ސިޓީ ކައުންސިލުން މި އަހަރު ކުރިއަށްގެންދިޔަ ސާވޭ އަށް ފަހު އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން "މިހާރު" އަށް މިއަދު ވިދާޅުވީ، ގިނަ ގޮޅިތަކެއް ހިންގަމުން ދަނީ އެއްބަސްވުމާ ޚިލާފަށް ކަން ސާވޭ އިން ފާހަގަވި ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ގޮޅިތަކުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރަމުން ގެންދާއިރު އަނެއްބައި ތަންތަނުގެ ވެރިފަރާތްތަކުން އެހެން މީހުންނަށް ގޮޅި ކުއްޔަށް ދީފައިވާ ކަމަށެވެ. އެފަދަ ތަންތަން، އެއްބަސްވުމާ ހިލާފުވުމުން ނޯޓިސް ފޮނުވުމުން ވެސް، އެ މައްސަލަތައް ހައްލު ނުކުރުމުން ބަންދުކުރީ ކަމަށް ފަޒީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައެއް ގޮޅިތަކުން ކުލި ވެސް ނުދައްކަ އެވެ. އެގޮތުން މިހާތަނަށް ބައެއް ތަންތަނުން އެއް ލައްކަ ރުފިޔާއާ ގާތް ކުރާ އަދަދަށް ކުލި ނުދައްކާ ކަމަށް ވިދާޅުވި އެވެ.

"މީރާ މެދުވެރިކޮށް ބެލިއިރު، ބައެއް ގޮޅިތަކުން ކުލި ނުދައްކާ ހުރި ކަން ވެސް ފާހަގަ ކުރެވުނު. ހަ މަސް ދުވަހާއި އަހަރަކާ ދެމެދު މުއްދަތެއްގެ ކުލި އެބަހުރޭ ނުދައްކާ. ބައެއް މީހުން ނުދައްކާ ކުލި އެބަހުރި އެއްލައްކަ އަށް އަރާފަ ވެސް." ފަޒީން ވިދާޅުވި އެވެ.

އެއްބަސްވުމާ ހިލާފުވާ ބައެއް ގޮޅިތައް ބަންދުކުރަމުން ދާއިރު އެ ގޮޅިތަކުގައި ހުރި މައްސަލަތައް ހައްލުކޮށް ސިޓީ ކައުންސިލަށް އެންގުމުން އަލުން އެ ގޮޅިތައް ހުޅުވުމަށް ހުއްދަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަންދު ކުރާ ކޮންމެ ގޮޅިއެއް ވެސް އެ ގޮޅިއެއްގައި ހުރި މައްސަލަ ހައްލުކޮށް އެކަން އަޅުގަނޑުމެންނަށް އެންގުމުން އަލުން އެތަނެއް ހުޅުވައިދޭނެ. މިސާލަކަށް ކުލި ނުދައްކާ ހުރި ފަރާތްތަކުން ކުލި ދެއްކުމުންނާއި ބިދޭސީން ލައްވައި ވިޔަފާރި ކުރުވާ ތަންތަނުން އެތަނަށް ދިވެއްސަކު ގެނެސް ޖޫރިމަނާ ދެއްކުމުން، އަލުން އެ ތަން ހުޅުވައިދޭނެ. އެގޮތައް މިހާރު ވެސް އެބަހުރި ތިން ތަނެއް ހުޅުވާފައި،" ފަޒީން ވިދާޅުވި އެވެ.

މީގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓު އަލުން މަރާމާތު ކުރުމަށް އެތަން ހުސްކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ނޯޓިސް ފޮނުވުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި އަންނަ މަހުގެ 31 ގައި މުޅި މާރުކޭޓު ހުސްކޮށް، އަލުން މަރާމާތުކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.