Roadha Mihaaru
ޒިދާންގެ ވާހަކަތަކާ ގުޅިގެން ބޭލްގެ އޭޖެންޓް ރަތަށް

ޒިދާންގެ ވާހަކަތަކާ ގުޅިގެން ބޭލްގެ އޭޖެންޓް ރުޅިގަދަވެއްޖެ

22 ޖުލައި 2019

ލޮސް އެންޖެލިސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 22) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލްއާ ބެހޭގޮތުން މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލޮސް އެންޖެލިސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 22) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލްއާ ބެހޭގޮތުން މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދާދި ފަހުން އެމެރިކާގައި ކުޅުނު ޕްރީ ސީޒަން މެޗުން ބަޔާން މިއުނިކް އަތުން 3-1 އިން ރެއާލް މެޑްރިޑް ބަލިވި މެޗަށް ފަހު ޒިދާން ބުނީ އެ މެޗުގައި ބޭލް ބޭނުންނުކުރީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޓީމުން ބޭލް ވިއްކާލަން ނިންމާފައިވާތީ ކަމަށެވެ. އަދި ބޭލް އެ ކްލަބުން ދިއުމަކީ ދެން ތިބި ކުޅުންތެރިންނަށް ލބޭނެ ފުރުސަތުުތަކެއް ކަމަށް ޒިދާން ބުންޏެވެ.

ބޭލްގެ އޭޖެންޓް ޖޮނަތަން އޭއެފްޕީ އަށް ބުނީ ޒިދާންގެ ފަރާތުން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ޒިދާން ކުރީ ލަދުވެތިކަމެއް. ބޭލް ފަދަ، ރެއާލް މެޑްރިޑަށް އެތައް ކަމެއް ކޮށްދިން ކުޅުންތެރިޔަކަށް އެއްވެސް އިހުތިރާމެއް ނުކުރޭ،" ޖޮނަތަން ބުންޏެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު ފަހަކަށް އައިސް ރެއާލުގެ ބައެއް ސަޕޯޓަރުންނާ ބޭލްއާ ދެމެދު ވެސް މައްސަަލަތަކެއް ޖެހުނެވެ. އެ ފަހަރު ޖޮނަތަން ވަނީ ރެއާލުގެ ސަޕޯޓަރުންނަށް ވެސް ފާޑުކިޔައިފަ އެވެ.

ރެއާލުގެ ކޯޗުކަމުގައި މީގެ ކުރިން ޒިދާން ހުރިއިރު ވެސް ބޭލް ވިއްކާލަން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެކަން އެ ގޮތަށް ނުވީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ގޮތަށް ބޭނުންނުވާތީ އެވެ. އެކަމަކު މި އަހަރު އަލުން ޒިދާން ރެއާލާ ހަވާލުވީ ޓްރާންސްފާ ކަންތައްތަކުގައި ބަސް ބުނުމުގެ ފުރިހަމަ އިހުތިޔާރު އޭނާ އަށް ލިބޭ ގޮތަށެވެ. ރެއާލާ އަލުން ހަވާލުވެ ޒިދާން އަންނަނީ އޭނާގެ ޕްލޭނުގައި ބޭލް ނުހިމެނޭ ކަމަށް ބުނަމުންނެވެ.

"މިކަމުގައި އެއްވެސް ޒާތީކަމެއް ނެތް. އޮތީ ކްލަބަށް ރަނގަޅު ގޮތް ހޯދުމުގެ އިތުރުން ކްލަބަށް ކާމިޔާބު ހޯދުން. އެކަން ކުރަން ބޭނުންވާ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިން ކްލަބް ދޫކޮށްލަންޖެހޭނީ،" ބަޔާން މެޗަށް ފަހު ޒިދާން ބުންޏެވެ.

ބޭލްގެ އޭޖެންޓް ޖޮނަތަން ވެސް ވަނީ އެހެން ކްލަބަކަށް ބޭލް ބަދަލުވާން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން އުމުރުން 30 އަހަރުގެ ބޭލް އަށް ފަސޭހައިން ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

މީގެ ކުރިން ބޭލް ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ރެއާލުން އަންނަނީ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޭލް ޔުނައިޓެޑަށް ވިއްކާލާށެވެ. އެކަމަކު އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އެއް ޑީލެއްގެ ތެރެއިން ބޭލް އާއި ޕޮގްބާގެ ޓްރާންސްފާ ކުރިއަށްގެންދިއުމުގެ ވިސްނުމެއް ޔުނައިޓެޑުން ނުގެންގުޅެ އެވެ.

ބޭލް ގެންދަން ދާދި ފަހުން ޗައިނާގެ ކްލަބަކުން ބޮޑު މުސާރައެއް ހުށަހެޅި އެވެ. އެކަމަކު އޭނާ އެ ހުށަހެޅުމަށް ފުރަގަސްދިނީ ޔޫރަޕްގައި ކުޅެން ބޭނުންވާތީ އެވެ.