މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަރީމާތައް ހިންގާފައި ރެކެން ރައްޔިތުންގެ މަޖިލިހުގައި ދޮގު ހަދައިގެން ނުވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ދޮގު ފަޅާ އަރުވާ ނުލާ ގޮތަށް ނޫން ކަމަށް މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
23 ޖުލައި 2019
މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަރީމާތައް ހިންގާފައި ރެކެން ރައްޔިތުންގެ މަޖިލިހުގައި ދޮގު ހަދައިގެން ނުވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ދޮގު ފަޅާ އަރުވާ ނުލާ ގޮތަށް ނޫން ކަމަށް މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓަކަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލަން ޖެހިފައިވަނީ 19 ވަނަ މަޖިލިހަށް ކަމަށެވެ. އެހެންވެ، މުއައްސަސާތަކާއި ވުޒާރާތަކުގެ ވެރިން މަޖިލިހަށް ހާޒިރުކޮށްގެން ސުވާލު ކުރަން ޖެހޭ ނަމަ، އެކަން ކުރާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވި ގޮތުގައި މަޖިލިހަށް ވަރަށް ގިނަ އިން ހާޒިރުކޮށް ހަދާތީ، ބައެއް ތަންތަނުގެ ވެރިންގެ ފަރާތުން މަޖިލިހަށް ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ.
އެ ޝަކުވާތަކާ ގުޅިގެން އީވާ ދެއްވި ހަމައެކަނި ޖަވާބަކީ ވެރިން ކެތްތެރިވެވަޑައިގަތުމެވެ.
"އެމީހުންނަށް މިވަގުތު އަދި ކުޑަކޮށް އުނދަގޫވިޔަސް. އަދި ދޮގު ހަދާ ކަމަށް ސާބިތުވަންޏާ އެކަމާ ދޭތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ފިޔަވަޅު އަޅަން ފޮނުވާނަން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ޖަރީމާތައް ހިންގާފައި ނުވަތަ އެ ޖަރީމާތަކުގައި ބައިވެރިވެ ނުވަތަ ޖަރީމާތައް ހިންގުމަށް ބާރު އަޅައި ޖަރީމާތައް ފޮރުވުމަށް މަސައްކަތްކޮށްދީފައި ތިބި މީހުންގެ މައްސަލަތައް 19 ވަނަ މަޖިލިހުން ބަލަން ފެށީމަ، އެއިން ރެކެން ވެގެން މަޖިލިހަށް ދޮގު ހަދައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ހުރިހާ މުއައްސަސާތަކަށް މެސެޖް ގޮސްދާނެ ކަމަށް،" އީވާ ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ކަމަށް ވިދާޅުވެ، އީވާ މިސާލު ނެންގެވީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު، އެ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފާ ދެމެދު ހިންގި މުއާމަލާތަކުންނެވެ.
މާލިއްޔަތު ކޮމިޓީގައި އަޝްރަފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭސީސީން ހަދާފައިވާ އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެކަމާ ހިތްހަމަޖެހި ވަޑައިނުގެން ނަސީރު ގުޅުއްވައިގެން ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެރަސް މަތީގައި ބައްދަލުކުރައްވަން ނަސީރު އެދިވަޑައިގަތުމުން އެކަން ވެސް ކުރެއްވި ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތައް މީގެކުރިން ޒިންމާދާރު ނުކުރެވި އޮތީ މަޖިލިސް "ނިދާފައި އޮތުމުން" ކަމަށެވެ. އަދި 18 ވަނަ މަޖިލިސް ހިނގަމުން ދިޔަ ގޮތުގެ ސަބަބުން ހިތު ހުރިހާ ގޮތަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން ކަންކަން ކުރައްވަމުން ގެންދެވި މަންޒަރު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވެސް ވިދާޅުވީ އާ މަޖިލިހުން މުއައްސަސާތައް ޒިންމާދާރު ކުރުވާނެ ކަމަށެވެ.
"ހަތިމް ބާއްވައިގެން ތެދު މައުލޫމާތު ހޯދުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރުމުގައި ރައީސްގެ އެއްބާރުލުން ލިބޭނެ ކަމާ މެދު އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީގައި ދޮގު ހެދި ކަމަށް ބުނެ، އޭނާގެ މައްސަލަ ވެސް ތަހުގީގުކޮށް ދިނުމަށް އެދި މަޖިލިހުން ވަނީ ފުލުހުންނަށް ފޮނުވައިފަ އެވެ. ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ޝަރީފް އޮޅުވާލެއްވީ އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ނޮޓް ނެގޯޝިއަބްލް ޖަހާފައިވާ ޗެކްތަކެއް ވެސް އެސްއޯއެފަށް ޖަމާކޮށްދިން މައްސަލައިގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ބީއެމްއެލްގެ ދިފާއު ބިނާކޮށްފައި އޮންނަނީ "ނޮޓް ނެގޯޝިއަބްލް" ޖަހާފައިވާ އެއްވެސް ޗެކެއް އެސްއޯއެފަށް ޖަމާކޮށްފައި ނުވާނެކަމުގެ މައްޗަށެވެ. މާލިއްޔަތު ކޮމިޓީގައި ޝަރީފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޗެކްތަކާ މެދު ބީއެމްއެލުން އަމަލްކުރީ ގާނޫނާއި ގަވާއިދާއި އަދި ބޭންކްގެ އުސޫލުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
"ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ"
ނަޝީދާއި އީވާ މަޖިލިސް ހައިޖެކް ކޮށްފި: ރޮޒެއިނާ
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ބޮޑުހިޔާނާތް: އިތުރު 14 ނަމެއް، ހާމަކުރުން މަނާ
ހިޔާނާތް ބަލަން މަޖިލިހުގެ ބާރު ބޭނުންކުރާ ތަން ނުފެނޭ
"އަލީ ފުރުވާލުމުން ކަންބޮޑުވޭ، މައްސަލަ ބަލައިދީ"
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
މެމްބަރުންގެ ކުދިން ބަލަހައްޓަން ހާއްސަ ކޮޓަރިއެއް
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ