Roadha Mihaaru
"އިސްތިއުފާ ދިނީ މަގާމުގައި ހުރެގެން ޖަވާބުދާރީނުވާން"

އިސްތިއުފާ ދިނީ މަގާމުގައި ހުރެގެން ޖަވާބުދާރީވާން ބޭނުން ނުވާތީ: ނަސީރު

24 ޖުލައި 2019

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކުރާ "ތާކުންތާކު ނުޖެހޭ" ތުހުމަތުތަކަށް، މަގާމުގައި ހުންނަވައިގެން ޖަވާބުދާރީވާން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކުރާ "ތާކުންތާކު ނުޖެހޭ" ތުހުމަތުތަކަށް، މަގާމުގައި ހުންނަވައިގެން ޖަވާބުދާރީވާން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރުކަމުގައި ހުންނަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ނަސީރު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ އެތެރޭގެ ބައެއް ކަންކަން އުސޫލުން ބޭރުން ކުރަައްވާފައިވާ ކަމުގެ ތުހުމަތު އެޅި، އެކަމާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެންފައި ވަނިކޮށެވެ. އިސްތިއުފާ ދެއްވުމަށް ފަހު ނަސީރު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތަށާއި ގަދަރަށް އުނިކަން ލިބުމަކީ އޭނާގެ ނަފްސަށް ލިބޭ ގެއްލުމަށް ވުރެ މާބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، މަގާމުގައި ހުންނަވައިގެން އެ ތުހުމަތުތަކާ ކުރިމަތި ލެއްވުމުގެ ބަދަލުގައި، އިސްތިއުފާ ދެއްވުމަށް ފަހު، އެ ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމުން އޭނާ އަށާއި އެމްއެމްއޭއަށް ވެސް މާ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަސީރާ ދެކޮޅަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަދި ޑެޕިއުޓީ ގަވަރުނަރު އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަކަށް ބޮޑު އަަދަދުތަކުން ފައިސާ ޖަމާވެ، އެ ފައިސާ ނެގި މައްސަލާގައި އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވެންނެވުމުން ހިމެނެ އެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީރު އޭނާއާ ފޯނުން ވާހަކަ ދެއްކެވުމުގެ އިތުރުން އެމްއެމްއޭގެ ޓެރަސް މަތީގައި ވެސް ބައްދަލުކުރެއްވި އެވެ. އެ ތިން ފަހަރު ވެސް ވާހަކަ ދެއްކެވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ބާރު އަޅުއްވާ ގޮތަށް ކަމަށް ތުހުމަތުކުރެއްވި އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި ނަސީރު ވިދާޅުވީ އެފްއައިޔޫގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ޤާނޫނުގައި ލާޒިމުކުރާ ރިޕޯޓުތައް ނަހަދައި ލަސްވާނަމަ، އެކަމާ ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ޤާނޫނީ ގޮތުން އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތެއް ކަމަށެވެ. އަދި އެކަން އޭނާ ކުރެއްވީ ގާނޫނުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

ނަސީރު ވިިދާޅުވީ އެމްއެމްއޭގެ އެ ލީޑާޝިޕް އޮއްވައި، ދައުލަތުން 1.3 ބިލިޔަން ރުފިޔާ ގެއްލުނު ކަމަށާއި އެ ހިޔާނާތުގައި ތުހުމަތު ކުރެވޭ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ، އެމްއެމްއޭގެ ވެރިން އާދަޔާހިލާފަށް ގިނައިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ނަސީރުގެ މައްޗަށް ތުހުމަތުތައް ކުރަނީ، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް މަސައްކަތް ކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ހިޔާނާތުގައި އަސްލު ބައިވެރިވި މީހުން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށާއި އެ މައްސަލަތައް ތަހުގީގު ނުކުރާ ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ އޭނާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ މާކުރިންނެވެ. އަދި އެ މައްސަލައިގައި، އޭރުގެ ގަވަރުނަރާއި އެމްއެމްއޭގެ ވެރިންނާއި އެފްއައިޔޫގެ ވެރިން އަމަލުކޮށްފައިވަނީ އެންމެ ޒިންމާދާރުކޮށް ނޫން ކަމަށް، އޭނާ މަގާމުގައި ހުންނެވި އިރު ތައްޔާރުކުރެއްވި އެމްއެމްއޭގެ އިންޓާނަލް ރިވިއުންނާއި ތަހުގީގުތަކުން ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އިންޓާނަލް އޮޑިޓުން ފެންނަން ހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް މިދިޔަ މާޗު މަހުގެ ތެރޭގައި ވާނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އިންސާފުވެރި ތަހުގީގެއް ހިންގައިފި ނަމަ، ފިޔަވަޅު އެޅޭނެ މިންވަރަށް އެއިން ހެކި ލިބޭނެ އެވެ." އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވައި، އެ ދާއިރާގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ދައުލަތުން ބަލައި، އެ ފައިސާ އަނބުރާ ހޯދުމަކީ ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށާއި އެކަމަކު އެގޮތް ވިޔަ ނުދޭން ބޭނުންވާ ބަޔަކު ދައުލަތުގެ ތެރޭގައި އުޅޭ ކަމަށް ނަސީރު ތުހުމަތު ކުރެއްވި އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމްއެމްއޭއިން ކޮށްފައިވާ އަދި ނުކޮށް ދޫކޮށްލާފައިވާ ކަންތައްތަކާ ގުޅޭގޮތުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ނުތަނަވަސްކަން އެބައޮތެވެ. އެކަންކަން ރަނގަޅުކޮށް އެމްއެމްއޭއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކުރަންހުރި މަސައްކަތް ބުރަވެފައި، ބޮޑުކަން، އަޅުގަނޑު މަގާމާ ހަވާލުވި އިރު ވެސް އެނގެ އެވެ." ނަސީރު ވިދާޅުވި އެވެ.

"އެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށް، ރާއްޖޭގެ މާލީ އިދާރާތަކަށް އިތުބާރު ހޯދައިދެވުނު ކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް އެބައޮތެވެ."