Roadha Mihaaru
މައުމޫނަށް މާފުކޮށްފިން، ގުޅެން ވާހަކަދައްކަން: ނަޝީދު

މައުމޫނަށް މާފުކޮށްފިން، ސަރުކާރު ވައްޓާލަން މިދަނީ ވާހަކަ ދައްކަމުން: ނަޝީދު

14 ސެޕްޓެމްބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު ވީޑިއޯ ކޮންފަރެންސިން މެދުވެރިކުރައްވާ ލަންކާގައި ތިބޭ ބޭރުގެ ނޫސްވެރިންނަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ދެން އޮތީ ދުވަސްކޮޅެއް ކަމަށެވެ. މި ވެރިކަން ބަދަލުކޮށް، ރާއްޖެ އަށް ޑިމޮކްރެސީ ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ މަހު ފަހުކޮޅު ލަންކާ އަށް ވަޑައިގެން ކުރެއްވީ ވެސް، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތްޕުޅެވެ. އެ ދަތުރުފުޅުގައި އިިދިކޮޅު ފަރާތްތަކާ އެކު ވާހަކަ ދެއްކެވިއިރު، ރައީސް ޔާމީންގެ ވެރިކަން "ގާނޫނީ އިމުގެ ތެރެއިން" ވައްޓާލަން މައުމޫނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ އެކި ބޭފުޅުންނާ މަޝްވަރާކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަބަދު މާޒީގައި އުޅެން ބޭނުން ނަމަ ކުރިމަގު ބިނާކުރާނީ ކިހިނެތް؟" މައުމޫންގެ ވެރިކަމުގައި އެކި ފަހަރު މަތިން ނަޝީދު ޖަލަށް ލުމާއި އެ ނޫން ވެސް އެ މަނިކުފާނަށް ކުރި ބައެއް ދަތިތަކަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

މައުމޫން ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް ނަޝީދު ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާނެ އެވެ.

އެ ވާހަކަތައް މައުމޫނާއި ޕީޕީއެމުން ވެސް ސީދާ ދޮގުކޮށްފައެއް ނުވެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް މައުމޫން ނުކުރައްވާނެ ކަމަށެވެ. އަދި މައުމޫން ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައި ވަނީ ވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށެވެ.

މައުމޫނާ މަޝްވަރާކުރަމުން އަންނަ ކަމަށް އިދިކޮޅު އިއްތިހާދުގައި އިސް ދައުރެއް އަދާކުރައްވާ ނަޝީދު ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، މައުމޫނާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.

އެ ޑޮއިކުމެންޓްރީގައި މައުމޫނާއި ނަޝީދަށް ވެސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން، އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ދެއްވަން މައުމޫން މި އަހަރުގެ ކުރީކޮޅުު އެދިވަޑައިގަތް ކަމަށާއި އޭގެ ތެރެއިން އެއް ބައި، 50،000 ޑޮލަރު (769،500 ރުފިޔާ) ނަޝީދު މައުމޫނަށް ދެއްވާފައިވާ ކަމަށް ބުންޏެވެ. އެކަމަކު، އެކަން އެ ދެ ބޭފުޅުން ވެސް ވަނީ ދޮގުކުރައްވާފަ އެވެ.