Roadha Mihaaru
ހުދުމުހުތާރު ވެރިކަމަކަށް ދެން ފުރުސަތެއް ނެތް: ޖަމީލް

ހުދުމުހުތާރު ވެރިކަން ކުރުމުގެ ފުރުސަތެއް ރައީސް ޔާމީނަކަށް ދެން ނެތް: ޖަމީލް

01 ޖޫން 2016

ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި ގާނޫނުތައް މުގުރައި ހުދުމުހުތާރުވެރިކަމެއް ކުރެއްވުމުގެ ފުރުސަތެއް އިދިކޮޅު އިއްތިހާދުން ރައީސް އަބްދުﷲ ޔާމީނަށް ނުދެއްވާނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި ގާނޫނުތައް މުގުރައި ހުދުމުހުތާރުވެރިކަމެއް ކުރެއްވުމުގެ ފުރުސަތެއް އިދިކޮޅު އިއްތިހާދުން ރައީސް އަބްދުﷲ ޔާމީނަށް ނުދެއްވާނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް، ރައީސް ޔާމީން މަގާމުން ދުރުކުރަން ލަންޑަންގައި އިއްތިހާދެއް އެކުލަވާލައި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރަން ވަނީ ޝެޑޯ ކެބިނެޓެއް ވެސް އެކުލަވާލައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ޑިމޮކްރަސީ އާއި ގާނޫނުތައް ނަގަހައްޓައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވަން ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަަމަށެވެ. ރައީސް ޔާމީން އަމާޒު ހިފާފައި ވަނީ އިންސާނީ ހައްގުތައް ނިގުޅައިގަނެ ގާނޫނުތައް މުގުރާލައި ވެރިކަން ކުރައްވަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

"މިއަދު އަޅުގަނޑުމެން [އިދިކޮޅު ފަރާތްތަކުން] އެކުގައި މި ނުކުތީ ގޮންޖެހުންތަކާ ކުރިމަތިލާން. މި ހާލަތުގެ ނާޒުކުކަން އަޅުގަނޑަށް ވިސްނޭ. މި ނިކުތީ މާޒީގައި ހެދުނު ގޯސްތައް ވެސް އެނގި ތިބެ. މާޒީގައި އަޅުގަނޑުމެންނަކީ ވާދަވެރިކަން އެއީ ސިއްރެއް ނޫން. އެކަމަކު އަޅުގަނޑުމެން މިއަދު މި ނިކުތީ އެއްބައިވެގެން އެއް ކޯލިޝަނެއްގެ ގޮތަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ އިއްތިހާދާ ގުޅޭގޮތުން ޖަމީލް ވިދާޅުވި އެވެ.

ދެހާސްއަށްވަނަ އަހަރު ރާއްޖެ އަށް ޑިމޮކްރަސީ އައި ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ހިސާބުން ގައުމުގެ ހުރިހާ ކަމެއް ބަދަލުކުރައްވައި، ނުރައްކާތެރި ހާލަތަކަށް ގައުމު ވައްޓާލައްވާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.

އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.

ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަމުން ޖަމީލް ވިދާޅުވީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލައި މިނިވަން ނޫސްވެރިކަމާއި ނޫސްވެރިންނަށް ދަތިތަކެއް ކުރިމަތިކޮށް ބައެއް ނޫސްވެރިންނާ މެދު ޝަރީއަތް ހިންގަމުންދާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ޝަރީއަތްތައް ހިންގައި ސިޔާސީ ލީޑަރުންނަށް ހުކުމް އިއްވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ޖަމީލް ވިދާޅުވި ގޮތުގައި، ގާނޫނުތަކުގެ ބޭރުން ސިޔާސީ މަގްސަދެއްގަ އެވެ. ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނެފައިވާ ކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް ހުކުމް އިއްވީ އިންސާފުން އެއްކިބާވެ ތިބެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާއިރު، އޭގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ބައިވެރިވެވަޑައިގަތުން އޮތް ކަމަށް ވެސް ޖަމީލް ތުހުމަތުކުރެއްވި އެވެ. ހިޔާނާތުގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.

މޯލްޑިވްސ ޔުނައިޓެޑް އޮޕޮޒިޝަން ނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ލަންޑަންގައި ބޭއްވި ރަސްމިއްޔާތު.--ފޮޓޯ:މޫސާ އަންވަރު

މޯލްޑިވްސ ޔުނައިޓެޑް އޮޕޮޒިޝަން ނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ލަންޑަންގައި ބޭއްވި ރަސްމިއްޔާތު.--ފޮޓޯ:މޫސާ އަންވަރު

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އިގްތިސާދީ އެޖެންޑާއަކާ އެކު ނަމަވެސް މަންޒަރު ބަދަލުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކުރިން ހިޔާލުތަފާތުވުންތަކެއް ހުއްޓަސް، ހާލަތު ބަދަލުވެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ރައްޔިތުންނަށް ގައުމު އަނބުރާ ހޯދައިދޭން ކަމަށެވެ. އެކަން ކާމިޔާބުވެ، އެ ކޯލިޝަނަކީ ރައްޔިތުން ތަމްސީލްކުރާ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.