Roadha Mihaaru
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު

އައްޑޫގައި ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ހުޅުއްވައި ދެއްވާނީ ނަޝީދު

29 ޖުލައި 2019

އައްޑޫގައި އަންނަ މަހު ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުއްވައި ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

އައްޑޫގައި އަންނަ މަހު ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުއްވައި ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 1-3 އަށް ބާއްވާ އެކްސްޕޯ ކުރިއަށް ގެންދާނީ ގަމުގެ އީކްއެޓާ ވިލެޖުގަ އެވެ. މި އެކްސްޕޯ އަށް ނަޝީދު ވަޑައިގަންނަވާއިރު، އެ މަނިކުފާނު އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

އެ ދަތުރުފުޅުގައި ނަޝީދުގެ އޮފީހެއް ވެސް ހިތަދޫގައި ހުޅުވާފައިވެ އެވެ.

ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ އަކީ ދެކުނުގައި ހުރި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއެއްގެ މީހުން އެއްތަންވެ، މުހިއްމު ގިނަ ކަންތައްތަކެއް ފެންނާނެ ހަރަކާތަކަށް ވާނެ ކަމަށް ޓައިޓަން މޯލްޑިވްސް އިން ބުންޏެވެ. އެގޮތުން، ދެކުނު ސަރަހައްދުގައި ހިންގާ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި މި ސަރަހައްދަށް އޮޕަރޭޓް ކުރާ އެއާލައިންސްތަކާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ވެސް ވިޔަފާރީގެ އެކި ދާއިރާތަކުން އެކްސްޕޯގައި ބައިވެރި ވާނެ އެވެ.

އެކްސްޕޯ ކުރިއަށ ދާނީ އަންނަ މަހުގެ 1-3 އަށް.

އެކްސްޕޯގެ ތެރޭގައި ވިޔަފާރީގެ ފޯރަމަކާއި ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އެކްސްޕޯ ކުރިއަށް ގެންދާނީ މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒު ކޮށްގެންނެވެ. އެއީ، ވިޔަފާރިތައް ކުރިއަރުވަން ފައިސާ ހޯދުން، ވިޔަފާރީގެ ފުރުސަތުތައް، ސިއްހީ ދާއިރާ ދާއިރާ އަދި ޓޫރިޒަމެވެ.

ސަދަން މޯލްޑިވްސް ބިޒްނެސް އެކްޕޯސްގައި ބޭރުގެ ގިނަ ފަރާތްތަކުން ވެސް ބައިވެރި ވާނެ އެވެ. އެގޮތުން 40 އަށް ވުރެ އެގްޒިބިޓަރުންނާއި 15 ޕެނަލިސްޓުން އެކްސްޕޯގައި ބައިވެރި ވާނެ ކަމަށް ޓައިޓަން މޯލްޑިވްސް އިން ބުންޏެވެ.