Roadha Mihaaru
ޖަންގަލިން ފެނުނު ކުއްޖާ ބެލީ ރާމާމަކުނުތަކަށް ނުވެދާނެ

ޖަންގަލިން ފެނުނު ކުއްޖާ ބެލީ ރާމާމަކުނުތަކަށް ނުވެދާނެ: ތަޖުރިބާކާރުން

09 އެޕްރީލް 2017

އިންޑިއާގައި ރާމާމަކުނުތަކަކާ އެކު އުޅެނިކޮށް ފެނުނު "މޯގްލީ ގާލް"ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ކުޑަ އަންހެންކުއްޖާ އަކީ ވިހާފައި އެއްލާލުމުން ޖަންގަލި ތެރޭގައި ރާމާމަކުނުތައް ގެންގުޅެ ބޮޑުކޮށްފައި ހުރި ކުއްޖެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގައި ރާމާމަކުނުތަކަކާ އެކު އުޅެނިކޮށް ފެނުނު "މޯގްލީ ގާލް"ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ކުޑަ އަންހެންކުއްޖާ އަކީ ވިހާފައި އެއްލާލުމުން ޖަންގަލި ތެރޭގައި ރާމާމަކުނުތައް ގެންގުޅެ ބޮޑުކޮށްފައި ހުރި ކުއްޖެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އުމުރުން އަށެއްކަ އަހަރު ވެފައިވާ މި ކުއްޖާ ފެނިފައިވަނީ ކަޓާނިޔާގާޓު ވައިލްޑްލައިފް ސެންކްޗުއަރީ އިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އޭނާގެ އިސްތަށިގަނޑު ވަރަށް ދިގުވެ އިސްތަށިތައް ވަނީ ތަތްތެޅިފަ އެވެ. ހަށިގަނޑު އެތަންމިތަނުގައި ވަރަށް ގިނަ ޒަޚަމްތައް ހުއްޓެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ކުއްޖާގެ ހަށިގަނޑުގައި ފޭރާމެއް ނެތެވެ. އެހެން ބައެއް ރިޕޯޓްތައް ބުނަނީ އެ ކުއްޖާ ފެނުނު އިރު ހުރީ ހަމައެކަނި ޖަންގިޔަލެއް ލައިގެން ކަމަށެވެ.

ކުއްޖާ ފެނުނު ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ފުލުހަކަށް ކުއްޖާ ފެނުނުއިރު ހުރީ ރާމާމަކުނުތަކަކާ އެކު ކުޅޭށެވެ. ކުއްޖާގެ މިޒާޖުގައި ހުރީ ރާމާމަކުނުގެ އުޅުމެވެ. ހިނގަނީ ހަތަރެސްފައި ޖަހައިގެންނެވެ. ކަނީ ބިންމައްޗަށް އަޅައިގެން، އަނގަޖަހައިގެންނެވެ. އަދި މަކުނުތަކާ ވާހަކަދައްކަން އޭތި ލައްވާ އަޑުތައް އޭނާ ވެސް ލައްވަ އެވެ. އިންސާނުންނާ ވާހަކަ ދައްކާކަށް އަދި ކިޔާ އެއްޗެއް ވެސް އެ ކުއްޖާއަކަށް ނޭނގެ އެވެ.

ތަޖުރިބާކާރުން މި ކުއްޖާގެ ހާލަތު ބެލުމަށްފަހު މިހާރު ބުނަނީ ކުއްޖާ އަކީ ވިހޭ ތަނުން ޖަންގައްޔަށް އެއްލާލާފައި އޮތް ކުއްޖެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ ކުއްޖާ ފެނުނު ޖަންގައްޔަކީ ކެމެރާ ހަރުކޮށްގެން އެތައް މުވައްޒަފުންނެއް ފޯރި މަރަމުން ދިޔަ ތަނަކަށް ވާތީ އެހާ ގިނަ ދުވަސްތަކެއް ވަންދެން މީހަކަށް ނުފެނި އެ ކުއްޖާއަށް އުޅެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ކުއްޖާ އަކީ ނަފްސާނީ މައްސަލަތަކެއް ހުރި ކުއްޖަކަށް ވާތީ އޭނާ ގެންގުޅުނު މީހުން ނުބަލަންވެގެން ކޮންމެވެސް އިރަކު ޖަންގަލި ތެރެއަށް ދޫކޮށްލާފައި ވަނީ ކަމަށް ބެލެވޭ ކަމަށް ޑިވިޝަނަލް ފޮރެސްޓް އޮފިސަރު ގިޔަން ޕްރަކާޝް ސިންގް ހުކުރު ދުވަހު ވިދާޅުވި އެވެ.

އެ ކުއްޖާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ވަކިން ވޯޑެއްގައި ބާއްވައިގެން އޭނާއަށް ފަރުވާ ދީ ދެ ފައި ޖަހައިގެން ހިނގާށާއި އަތުން ނަގައިގެން ކެއުން ފަދަ ކަންތައްތައް ވަނީ މިހާރު ދަސްކޮށްދީފަ އެވެ. އަދި ފާޚާނާކޮށް ސާފުވުން ފަދަ ކަންތައް ވެސް މިހާރު އެނގޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ކޭ ކޭ ވަރުމާ ވެސް ވިދާޅުވީ މިއީ އުފަންވި ތަނާ އެއްލާލި ކުއްޖެއްކަމާ މެދު ޝައްކު ކަމަށެވެ.

"ކުއްޖާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖަކަށް ވާތީ އޭނާގެ މައިންބަފައިން އޭނާ ޖަންގައްޔަށް ދޫކޮށްލީ ކަމަށް ބެލެވެނީ. ފުލުހުން ކުއްޖާ ސަލާމަތްކުރިއިރު ޖަންގަލީގައި އުޅޭތާ މާ ގިނަ ދުވަސްތަކެއް ވީހެނެއް ހިއެއް ނުވޭ. ރާމާމަކުނުތައް އެ ކުއްޖާ ބަލާ ބޮޑުކޮށްފައިވާ ކަމަށް ބެލެވޭ ތިއަރީ އަކީ ގަބޫލުކުރަން އުނދަގޫ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މި ކުއްޖާއަށް ނަފްސާނީ ޑޮކްޓަރަކު ލައްވާ ފަރުވާކޮށް ހާލަތު މޮނިޓަ ކުރުން ވަރަށް މުހިއްމެވެ.

މި ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.